މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލާއި ދެކޮޅަށް އިއްޔެ ކުރި މުޒާހަރާ އަކީ ގާނޫނާއި ހިލާފު މުޒާހަރާއެއް ކަމަށާއި، ރާއްޖޭގެ ބައެއް ނޫސްވެރިންނާއި މީޑިއާތަކުގެ ބައެއް މުވައްޒަފުން ގާނޫނާއި ހިލާފު ވެއްޖެ ކަމަށް ދޭހަވާ ގޮތަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ސާފުކޮށްދެއްވީ މުޒާހަރާ އާއި ގުޅިގެން އެއްވެސް މީޑިއާ މުވައްޒަފަކު ފުލުހުން ހިފަހައްޓާފައިނުވާ ކަމަށެވެ.
އުސޫލެއްގެ ގޮތުން ބަލާއިރު މީހަކު ހައްޔަރުކުރާނަމަ އެ މީހަކު ހައްޔަރުކުރިކަމުގެ ފޯމެއް ފުލުހުން އެ މީހަކާއި ހަވާލު ކުރާނެއެވެ. އިއްޔެ ފުލުހުން ކުރި ކަމަކީ ނަސޭހަތާއި އިންޒާރު ދިނުމުން ވެސް ގްރީން ޒޯނުގައި އަޑުގަދަކޮށް މުޒާހަރަކުރި މީޑިއާގެ މުއައްޒަފުން އެ ތަނުން ދުރުކުރުވުމެވެ.
ގްރީން ޒޯނުގައި މުޒާހަރާ ކުރުމަކީ ގާނޫނީ ކުށެކެވެ.
ރައީސް އޮފީހާއި މުލީއާގޭގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅު ހުންނަ ގްރީން ޒޯނަކީ އާންމު އެއްވުންތަކާއި މުޒާހަރާތައް މަނާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި މުޒާހަރާ ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މިނިސްޓަރު ވެދް ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު މިކަން ސާފުކޮށްދެއްވީ “ނޫސްވެރިން ދޫކޮށްލުމަށް” ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލެއްވުމުންނެވެ.
"އިހުސާން އެ ވިދާޅުވީ ގޯހެއް ނޫން. ނޫސްވެރިން އިއްޔެ ހައްޔަރެއް ނުކުރޭ. ދުރުކުރީ. ހައްޔަރުކުރިނަމަ ހައްޔަރުގެ ލިޔުމެއް ދޭނެ. އެ ތަނުން ދުރުކުރަން ޖެހުނީ ފުލުހުން ނަސޭހަތާއި އިންޒާރު ދީ، އެއީ ގްރީން ޒޯން ކަން ހަނދާންވެސް ކޮށްދިނުމުންވެސް އެ ސަރަހައްދު ދޫކޮށް ނުދިޔުމުން. ސިޔާސީ ކުލަ ޖެހިފައިވާ ބަޔަކު އެތަނަށް އެއްވެ މަސްލަހަތު ނަގައިލާން މަސައްކަތް ކުރުން ގޯސް. އެއްގޮތަކީ އެ މީހުން ބޭނުމީ މަޝްހޫރުވާން. ހަގީގަތުގައި އެ ތަނެއްގައި އޮންނަ ގާނޫނަކަށް ނޫސްވެރިން ބޯނުލަނބާ ނަމަ އެތަނެއްގެ އިޖުތިމާޢީ ފޭރާން ލޫދި ވީރާނާވެގެންދާނެ. ނޫސްވެރިންނަކީ އެހެން އުޅެން ޖެހޭ ބައެއް ނޫން. ގްރީން ޒޯނަށް ނުވަދެ ވެސް ނޫސްވެރިންގެ އަޑު އިއްވޭނެ ގޮތް އެބަހުރި. ގްރީން ޒޯނަށް ވަދެ މުޒާހަރާކުރާ މީހުން އެތަނުން ދުރު ނުކުރުމަކީ މާދަމާ ދެން އަންނަ ސަރުކާރަކަށް އޮތް ނުރައްކަލެއް. ހަތިޔާރު ހިފައިގެން ނޫސްވެރިން ގްރީން ޒޯނަށް ވަދެ މުޒާހަރާ ކުރުމަށް ލިބޭ ހިއްވަރެއް. ގާނޫނު ހިނގަން ޖެހޭނީ ވަކި ބަޔަކަށް ވީމާއެއް ނޫން. ނޫސްވެރިން އިއްޔެ ހައްޔަރެއް ނުކުރޭ. ގްރީން ޒޯނުން ނުކުތުމަށް ފުލުހުން ހަނދާންކޮށްދީ އިންޒާރާއި އިރުޝާދު ދިނުމުން ވެސް މުޒާހަރާގެ ބައިވެރިން އެކަމަށް ދެކޮޅު ހެދުމުން އެ ސަރަހައްދުން ނެރުނީ،" ކުރީގެ ބައެއް ރައީސުން ވެސް ހިމެނޭ ވަޓްސައަޕް ގުރޫޕެއްގައި ބޭފުޅަކު މިއަދު ވިދާޅުވިއެވެ.
މާލޭ ސިޓީ ޕޮލިސް ސާވިސް އިން ވެސް ވަނީ އެ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ފާހަގަކޮށް ބަޔާނެއް ނެރެފަ އެވެ. ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ ހައްގުތައް ބޭނުންކުރަން ޖެހޭނީ ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން ކަމަށް ވާނަމަ އެ ކަމަށް ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުންޏެވެ.