ސީރިއާއިން މާލެ ވަރުގެ 200 ބިން އިސްރާއީލަށް ހިފެންދެން އދ އޮތީ ބަލަބަލާ…

ޢަބްދުﷲ ޖުނައިދު | 7 ދުވަސް ކުރިން - 27 އޯގަސްޓް 2025 21:13
ގޯލާންގެ އުސް ބިންތަކުގައި އިސްރާއީލު ސިފައިން: މިއީ ސީރިޔާގެ ބިމެއް ކަމުގައި ވިޔަސް އިސްރާއީލުން ވަނީ މިތަނަށް ވެރިވެގެންފަ. / ފޮޓޯ: އައިޑީއެފް
ގޯލާންގެ އުސް ބިންތަކުގައި އިސްރާއީލު ސިފައިން: މިއީ ސީރިޔާގެ ބިމެއް ކަމުގައި ވިޔަސް އިސްރާއީލުން ވަނީ މިތަނަށް ވެރިވެގެންފަ. / ފޮޓޯ: އައިޑީއެފް
ޚުލާސާ

އިސްރާއީލްގެ ސިފައިން މަރުވާން ފެށީމާ “އދ” ނިދިންހޭލައި ހަނގުރާމަ ހުއްޓުވައިލީ ޔަހޫދީންނަށް ސީރިއާގެ ބިމުން މާލެ ވަރުގެ 200 މާލެ ލިބުމުން. އެއީ ގޯލާންގެ އުސް ބިންތައް.

މަރްތަފްޢާތު އަލް-ޖޫލާން (مرتفعات الجولان) އެނގޭ ހެއްޔެވެ؟ އެއީ ބިމުގެ ސައިޒުން ބަލާ ނަމަ ގާތްގަނޑަކަށް މާލެ ވަރުގެ 200 މާލެ އެވެ. ގޯލާންގެ އުސްމިންތަކޭ އެ ކިޔަނީ އެތަނަށެވެ. ގޯލާން އުސްމިނަކީ 1967 ވަނަ އަހަރުގެ ޖޫން މަހުގެ 5 އިން 10 އާއި ހަމަޔަށް ކުރި 6 ދުވަހުގެ ހަނގުރާމައަށް ފަހު އިސްރާއީލުން އަތުލައިގެން އުޅޭ ސީރިއާގެ ބައެކެވެ. އެ މީހުން އެތަނުގެ ބާރު ހޯދީ އެ އަހަރުގެ ޖޫން މަހުގެ 9 އާއި 10ގައި ދިން ޙަމަލާ ތަކުންނެވެ. އޭގެ ފަހުން މި ތަން އަތުލައިގަތުމަށް އެތަނުގެ މިލްކުވެރީން ކަމުގައިވާ ޢަރަބީންގެ ތެރެއިން ސީރިއާއިން 1973 ވަނަ އަހަރު މަސައްކަތް ކުރިއެވެ. އެ ހަނގުރާމައިގައި މިޞްރު ވެސް ބައިވެރިވިއެވެ. މިޞްރުން ބޭނުންވީ ސުއެޒްކެނެލް ހުރަސްކޮށް އެމީހުންގެ އަތުން އިސްރާއީލް އަތުލި ސިނާއީ ޕެނިންސިއުލާ ހޯދުމަށެވެ. ކޮންމެޔަކަސް އިސްރާއީލަށް މި ދެޤައުމު ގުޅިގެން ދިނީ ކުއްލި ސަޕްރައިޒް އެޓޭކެކެވެ. އެއީ އޮކްޓޯބަރު 6، 1973 ގައެވެ.

1973ގެ އޮކްޓޯބަރު 6 އިން 25 އާއި ހަމަޔަށް ކުރި މި ހަނގުރާމައިގައި ސީރިއާއިން އިސްރާއީލުގެ މައްޗަށް ގަދަވެ ގޯލާނުގެ ބައެއް ހިފިއެވެ. ނަމަވެސް ހަނގުރާމައިގެ ފަހުކޮޅު އިސްރާއީލުގެ ޙަމަލާތައް ވަރުގަދަވެ އެމީހުންގެ ސަފުތައް ކުރިޔަށް ޖެހި، ސީރިއާއިން އަތުލި ބައި އަނެއްކާވެސް ހޯދައި އދ މެދުވެރިކޮށް އެ ހިސާބުން ހަނގުރާމަ ހުއްޓައިލިއެވެ. އެއީ އިސްރާއީލުގެ 2600 ސިފައިން މަރުވި ތަނާހެންނެވެ. މި ހަނގުރާމައިގައި ޢަރަބީންގެ 8000 އަށް ވުރެ ގިނަ ސިފައިންނާއިއެކު ޖުމްލަ ގާތްގަނޑަކަށް 18000 ވަރަކަށް މީހުން ޢަރަބީންގެ ތެރެއިން ޝަހީދުވިއެވެ.

މި ސަރަޙައްދަކީ އުސްވެފައި، ފެން ތިޔާގި އަދި، ފަލަސްޠީނާއި، ސީރިޔާއާއި، ލުބުނާނާއި، އުރުދުން އާއި ކައިރި ސަރަޙައްދެކެވެ. މި ސަރަޙައްދުގެ އެންމެ ޚާއްޞައީ މި ތަނުގައި ހުންނަ އުސް ފަރުބަދަ ނުވަތަ ޖަބަލުއް ޝައިޚް އެވެ. މިހާރު ޖަބަލުއްޝައިޚްގެ ނަން އިސްރާއީލުން ވަނީ ހަރްމޮން އަށް ބަދަލުކޮށްފައެވެ. ޤަބޫލުކުރެވޭ ގޮތުގައި ޢަރަބި ނަންތައް ކާފަރުން އެހެން ނަންތަކަށް ބަދަލުކުރަނީ ފަހުން އަންނާނެ ޖީލަށް ނުބައިކޮށް ވިސްނުވައިދީ ތާރީޚް އޮޅުވާލުމަށެވެ.

ކޮންމެޔަކަސް، 1973 ވަނަ އަހަރުގެ ހަދުވަހުގެ ޔޮމް ކިޕޫރު ހަނގުރާމަ އަށް ފަހު އިސްރާއީލުގެ އެތައް ބަޔަކު މަރުވުމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ބާރުތަކުން (އދ) އަވަހަށް ތެޅިގަނެ އެކަމާއި ކަންބޮޑުވެ ވަރަށް އަވަހަށް އެ ހަނގުރާމަ ހުއްޓުވައިލިއެވެ. އަދި 1974 ވަނަ އަހަރު އދ މެދުވެރިކޮށް ސީރިއާ އާއި އިސްރާއީލު ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށާއި ގޯލާންގެ އުސްމިންތަކުގައި ހަނގުރާމަމަތީ ނުވަތަ އަސްކަރީ ޙަރަކާތްތައް ނުހިންގުމަށް ވަނީ އެއްބަސް ކުރުވައި ސީރިއާ ފަޅިން 30 އިންސައްތައިގައި ސަލާމަތަށޭ ކިޔައި އދ ގެ ސިފައިން ބައިތިއްބައި ބަފަރޒޯނެއް ހަދާފައެވެ. މި ބަފަރ ޒޯނުގެ އިސްރާއީލު ފަޅީގައި ސީރިއާގެ ގޯލާނުގެ އުސް ބިންތަކުގެ 70 އިންސައްތަ އދ އިން ވެސް އެ އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައި ބޭއްވުމަށް ހިތަކަށް ދީފައެވެ.

އަލްޖަޒީރާގެ މި ޗާޓަށް ބަލައިލުމުން އެނގެނީ އދ އިން ބަފަރ ޒޯނެއް ޤާއިމްކޮށް ސީރިއާގެ ގޯލާން އުސް ބިންތަކުގެ 70 ޕަސެންޓް ޔަހޫދީންނަށް ދީފައިވާ ކަމެވެ. ނަމަވެސް ލިޔެކިޔުންތަކުގައި އޮންނަނީ އެއީ ސީރިއާގެ ބިން ކަމަށެވެ.

މިއީ ހުޅަނގުން ޖަހައިލި “މަޅިއެއް”ކަން އެނގެނީ މިހާރު ފެންނަ މަންޒަރުތަކުންނެވެ. މިހާރު މި ފެންނަނީ އެ ހަނގުރާމަ ހުއްޓައިލުމަށްފަހު މަޑުމަޑުން އައިސް އިސްރާއީލުން އެ ސަރަޙައްދު ޙިޞާރު ކޮށްފައިވާ މަންޒަރެވެ. އެ މީހުންގެ ޖާސޫސީ ވަޞީލަތްތައް ވަނީ އެ ތަނުގައި ޤާއިމްކޮށްފައެވެ. ރިސޯޓުތައް އެހެރަ ދަނީ ތަރައްޤީ ކުރަމުންނެވެ. ބިމަކީ މުޅި ދުނިޔެ ވެސް ޤަބޫލުކުރާ ގޮތުގައި ސީރިއާގެ ބިމެކެވެ. ނަމަވެސް އެތަނަށް ވެރިވެގެން އިސްރާއީލުން ކޮންމެ ކަމެއް ކުރިޔަސް އެކަމާއި މެދު ހުޅަނގުން ބަހެއް ނުބުނެއެވެ.

މި ހަފްތާގެ ހޯމަ ދުވަހު ސީރިއާގެ ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލުގެ ފަސްދޮޅަހަކަށް ސިފައިން ވަނީ މައުންޓް ހެރްމޮން ކައިރީގައި އިސްރާއީލްގެ ބިން ފުޅާކުރުމުގެ ޕްލޭންތައް ކުރިއަށް ގެންދިއުމަށް ޖާސޫސީ ތަންތަނާއި އަސްކަރީ ތަންތަން ޤާއިމްކޮށްފައި ކަމަށެވެ. އެ ތުހުމަތުތަކަށް އިޒްރޭލުން އަދި ޖަވާބެއް ނުދެ އެވެ.

ކޮންމެޔަކަސް ޖަބަލުއް ޝައިޚް ފަރުބަދަ ކޮންޓްރޯލް ކުރުމަކީ ސީރިއާގެ ދެކުނާއި އިސްރާއީލުގެ އުތުރުގައި ހިނގާ ކަންކަން މޮނިޓަރ ކުރުމަށް ލިބޭ އެޑްވާންޓޭޖެކެވެ. އެ ފަރުބަދަ މައްޗަށް އެރުމުން ވަރަށް ރީއްޗަށް ސީރިޔާ އާއި ލުބުނާނާއި، އިނގިރޭސީން ޔަހޫދީ ޒައެނިސްޓުން ގެންގޮސް “އަޅައިލި” ފަލަސްޠީން ފެންނާނެއެވެ. އެއީ އެ ސަރަޙައްދުގެ އެންމެ އުސް ހިސާބެވެ. ކަނޑުގެ ލޮނުގަނޑުން ގާތްގަނޑަކަށް 9232 ފޫޓު އުހެވެ. މިއީ އެހާ ވެސް މުހިއްމު ފަރުބަދަ އަކަށް ވާތީ މިތަން މުސްލިމުންގެ އަތުން “ފެލައިލީ” އެވެ. ހުޅަނގުން އަޑީގައި އޮވެގެންނެވެ. އަސްކަރީ ޙަމަލާ ދިނުމާއި، ސެކިއުރިޓީ ބެލެހެއްޓުމާއި އަދި ޖާސޫސީ މަޢުލޫމާތު ހޯދުމަށް އެ ފަރުބަދަ އަކީ ނުލާހިކު މުހިއްމު ފަރުބަދައެކެވެ. އެ ތަނުގައި ރިސޯޓު ތަރައްޤިކުރަން އިސްރާއީލުން ފެށީ 1969 ވަނަ އަހަރުން ފެށިގެންނެވެ.

މިއަދު ގޯލާން ސަރަޙައްދުގައި 15 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓާ ހުރިއިރު، 2021 ވަނަ އަހަރު ލަގްޒަރީ ކޮޓަރިތައް ވެސް ވަނީ ހުޅުވާފައެވެ. މި އާއި އެކު ބައިނަލްއަޤްވާމީ ފަތުރުވެރިންގެ މަޤްބޫލު މަންޒިލަކަށް އިސްރާއީލުން އެތަން ހަދައިފިއެވެ. ގަދަ ބާރުންނެވެ.

ތަނަކީ ސީރިއާގެ ތަނެކެވެ. އިސްރާއީލުން އެ އޮތީ އެތަން ހިފާފައެވެ. މިހާރުވެސް ބައިނަލްއަޤްވާމީ ގޮތުން މަރްތަފްޢާތު އަލް-ޖޫލާން ނުވަތަ ގޯލާންގެ އުސް ބިންތަކަކީ ސީރިއާގެ ތަންތަނެވެ. އެކަމަކު ޔަހޫދީން އެތަނަށް ވެރިވެގަނެ މިހާރު 58 އަހަރު ވީ އިރު ވެސް ސީރިއާ އަށް އެތަން ހޯދައިދިނުމަށް އެއްވެސް ބައިނަލްއަޤްވާމީ ޖަމާޢަތަކުން މަސައްކަތެއް ނުކުރިއެވެ. އދ ގެ ދެލޯ އޮތީ ކަނުވެފައެވެ. އދ ގެ ލޯ ހުޅުވުނީ ގޯލާންގެ ބިންތައް އިސްރާއީލަށް ލިބި، ހަނގުރާމައިގައި އިސްރާއީލުގެ ގިނަ ޢަދަދެއްގެ ސިފައިން މަރުވުމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%