ހދ. ކުޅުދުއްފުށީގައި އިތުރު 2،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީއާ) އާ މިރޭ ހަވާލުކޮށްފި އެވެ.
އެ ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، އެޗްޑީސީއާ ހަވާލުކުރީ ޖުމުލަ 3،400 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އެއީ ކުރިން ސޮއިކޮށްފައިވާ މަޝްރޫއަކާއި ފަށާފައި އެކަމަކު ވަކި ހިސާބަކުން ހުއްޓިފައިވާ މަޝްރޫއެއްގެ އިތުރުން މުޅިން އަލަށް މަސައްކަތް ފަށާ 2،000 ހައުސިން ޔުނިޓު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ވެސް ކުޅުދުއްފުށީގައި މަސައްކަތް ހުއްޓިފައިވާ 400 ހައުސިން ޔުނިޓުގެ ކަންކަން އަލުން ފަށަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ. އެކަމަކު، އެކަންކަމުން އަރައިގަނެ އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރީ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައި ވަނީ ރައީސް މިރޭ އިއުލާން ކުރެއްވި 2،000 ހައުސިން ޔުނިޓުގެ ތެރެއިން 1،300 ޔުނިޓް ކުޅުދުއްފުށީ ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ބިންތަކުގައި އިމާރާތް ކުރާށެވެ.









