ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް ދޫކޮށްފައިވާ ބިން 15 އަހަރު ފަހުން އަނބުރާ ކައުންސިލާއި ހަވާލުކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޭކުރެންދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާކުރައްވާފަ އެވެ.
އެއަށް ފަހު ރައްޔިތުންނާއި ބައްދަލުކޮށް ރައީސް ވިދާޅުވީ ރަށަށް އަދި ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ޓަކައި އެރަށުގައި ޖަލެއް ހަދަން ދޫކޮށްފައިވާ ބިން މިހާރު ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށާއި އެ ބިމުން ނަފާ ހޯދޭނެ ގޮތެއް ހޯދައި ކައުންސިލުން ލޭންޑްޔޫސް ޕްލޭނެއް އެކުލަވާލުމުން ސަރުކާރުން އެކަމަށް އެއްބާރުލުން ދޭނެ ކަމަށެވެ.
"ކުރީގައި ޖަލެއް ހަދަން އޮތް ބިން މިހާރު ވާނީ ކައުންސިލާއި އަނބުރާ ހަވާލުކޮށްފަ. އެއީ އަޅުގަނޑު ވައުދުވެފައި އޮންނާނެ އެތަން އިގްތިސާދީ ގޮތުން ރަށަށް ފައިދާ ހުރި ގޮތަކަށް ބޭނުން ކުރުުމުގެ ފުރުސަތު ދޭނެ ކަމަށް އެގޮތަށް ފަހިކޮށްދޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.
ނޭކުރެންދޫގައި އަޅަން ނިންމި ޖަލަކީ ރާއްޖޭގެ އުތުރުގައި އަޅަން ނިންމި ފުރަތަމަ ޖަލެވެ. އެގޮތުން 2010 ވަނަ އަހަރު އެކަމަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ސާފުކޮށް ރުއް ގަހަށް ބަދަލު ވެސް ދީފައިވާއިރު، 2022 ވަނަ އަހަރު ސަރުކާރުން ޔުނިކް ޗޮއިސް ޕްރައިވެޓު ލިމިޓެޑް ކިޔާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރި އެވެ.
ނޭކުރެންދޫގައި އަޅަން ނިންމީ 300 މީހުންގެ ލުއި ޖަލެކެވެ. 2020 ވަނަ އަހަރު އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެތަނަށް ބަދަލުކުރެވޭ ފަރާތްތަށް ރިހިބިލިޓޭޓް ކުރުމަށް ވޮކޭޝަނަލް ޓްރެއިނިންގް ދިނުމުގެ އިންތިޒާމް ހަމަޖެހޭ ފަދަ ގޮތަކަށް ޖަލު ބިނާ ކުރުމަށް ޓަކައި ޔުނައިޓެޑް ނޭޝަން އޮފިސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާއެކު އެ ޖަލުގެ ކޮންސެޕްޓު އެއްކޮށް ފައިނަލް ކުރެވިފައިވާކަމަށް ވިދާޅުވެފަ އެވެ.









