ހދ. ވައިކަރަދޫގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ 2026 ވަނަ އަހަރުގެ ތެރޭގައި ފައްޓަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވައިކަރަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވެފައިވާ ގޮތުގައި އެރަށުގެ ރައްޔިތުންނަށްޓަކައި އެމަނިކުފާނު ވެލައްވާފައިވާ ވައުދުފުޅުތަކުގެ އިތުރުން އެތައް ކަމެއް އެރަށުގައި ކުރިއަށް ގެންދަން ނިންމަވާފައިވާކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކި ދާއިރާތަކުން މަސައްކަތްތައް ފަށައިގެން މިހާރު ކުރިއަށްދާ ކަމަށާއި ހުރިހާ ވައުދެއް ވެސް ފުއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވައިފަ އެވެ.
"ޖުމުލަކޮށް ވައިކަރަދޫ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަމެއްގަ ވަރަށް އިސްކަމެއްދީގެން އަޅުގަނޑު މިދެންނެވި ގޮތަށް އިރާދަކުރެއްވިއްޔާ ގެންދާނަން. ގެންގޮސް ރައްޔިތުންގެ ތަރައްގީގައި އުފާފާގަތި ދުވަސްތަކެއް ހޯދަދީފަ އުފާވެރިކަން އަޅުގަނޑުމެން ގެނެސްދޭނަން". --- ރައީސް ވިދާޅުވި އެވެ.
ވައިކަރަދޫގައި ތަރައްގީކުރާ 50 ހައުސިން ޔުނިޓްގެ އިތުރުން އެރަށުގައި ތަރައްގީގެ އެތައް މަޝްރޫއުއެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގައި ހިމެނެނީ:
- ރަށު ސްކޫލުގައި އަޅާ 12 ކްލާސްރޫމުގެ މަސައްކަތް
- މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ކުރުން
- ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ވައިކަރަދޫގައި ގާއިމުކުރުން
- ވައިކަރަދޫ ދަނޑުވެރިންނަށް ހާއްސަ މުދާ ފެރީއެއް ހަމަޖައްސައިދިނުން
- މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެ ބަދަލުކުރުން
- ވައިކަރަދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން









