ހާއްސަ ހާލަތެއް ނެތި ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ދިރާސީ އަހަރެއްގައި ދެ ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަހްމަދު މުހައްމަދު ވިދާޅުވި ގޮތުގައި، މީގެ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލުކުރުމުގެ ފުރުސަތު އޮތްނަމަވެސް، އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި މި އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
އާ އުސޫލުގެ ދަށުން، ދިރާސީ އަހަރު ފެށެންވާއިރަށް ދަރިވަރުން ބަދަލުކުރަން ބޭނުންވާނަމަ، ދެވަނަ ޓާމު ނިމުމުގެ އެއް މަސް ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ދެވަނަ ޓާމަށް ބަދަލުކުރަން ބޭނުންވާނަމަ، ފުރަތަމަ ޓާމު ނިމުމުގެ އެއް މަސް ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ އެވެ.
"ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ނިޒާމީ ގޮތެއްގައި ގެންގުޅެންޖެހޭ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރުވެސް ދިރާސީ އަހަރުގެ ތެރޭގައި ކުދިން ކޮންމެ ކޮންމެ ވަގުތަކު ބަދަލުނުކުރެވޭ،" ޑރ. އަހްމަދު މުހައްމަދު ވިދާޅުވި އެވެ.
ނަމަވެސް ހާއްސަ ހާލަތްތަކުގައި، އެ ހާލަތެއް ބެލުމަށްފަހު ސްކޫލު ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ. ދަރިވަރުން ސްކޫލު ބަދަލުކުރުމަށް ދެ މަރުހަލާއެއް ކަނޑައަޅާފައިވެ އެވެ.
މިގޮތުން ފުރަތަމަ މަރުހަލާގެ ގޮތުގައި މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ކަނޑައަޅާފަ އެވެ. އަދި ދެވަނަ މަރުހަލާގެ ގޮތުގައި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ކަނޑައަޅާފަ އެވެ.









