ހދ. މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި، ބާރު ސްޕީޑްގައި ކުރިޔަށްދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މަކުނުދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަމުގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ އެރަށު އެއާޕޯޓްގެ މަސައްކަތް ނިންމުމެވެ.
މަކުނުދޫއަކީ ރާއްޖޭގެ އަތޮޅުތައް ބެހިފައިވާ ގޮތަށް ބަލާއިރު، ވަރަށް އެކަހެރިކޮށް ހުޅަނގަށް އެންމެ ވަކިން އޮންނަ ރަށެއް ކަމަށާއި، ދަތުރުފަތުރު ކުރުމުގައި އެންމެ އުނދަގޫ އެއް ހިސާބުކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ދުރު ރާސްތާއަށް ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުން ބަލާއިރު މަކުނުދޫގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަމެއް ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަކުނުދޫގައި އެއާޕޯޓެއް ގާއިމުވުމުން ދަތުރުފަތުރުގެ ގޮތުން ލިބޭ ކުރިއެރުމުގެ ސަބަބުން، ރަށުގެ އިގްތިސާދީ ތަރައްގީ މަތީ ހަރުފަތަކަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މަކުނުދޫގައި އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ފެށި ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. މަކުނުދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
މަކުނުދޫ އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިއޮތީ 1500 މީޓަރުގެ ރަންވޭއަކާއެކު ނަމަވެސް އެރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ އިތުރަށް ބޮޑުކުރައްވާ 1800 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.
މަކުނުދޫ އެއާޕޯޓް ހިންގުމަށް ހަވާލުކުރެވިގެންދާނީ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް (އެމްއޭސީއެލް) އަށެވެ.









