ހުޅުމާލެއިން މަރުވެފައި އޮއްވާ އިއްޔެ ފެނުނު މީހާއަކީ ފިރިހެނެއް ކަމަށާއި، އެއީ ކާކުކަން އަދި ކަށަވަރު ނުވާކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވި ނަމަވެސް އެއީ މިމަހުގެ 21 ވަނަ ދުވަހު ގެއްލިގެން ހޯދަން އިއުލާންކުރި ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފަ އެވެ. އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތު ހުޅުމާލޭ ވޯޓާ ތީމް ޕާކް ސަރަހައްދުން އެވެ.
އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މި މަހުގެ 21 ވަނަ ދުވަހު ހޯދަން އިއުލާންކުރި ބިދޭސީ މީހާ ކަމަށް ފުލުހުން ބުނި ނަމަވެސް އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.









