އަމިއްލަ ގޯތީގައި ގެ ނެހެދިފައި ތިބި ފަރާތްތަކަށް ހައުސިން ޔުނިޓް އަޅުއްވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 1 ދުވަސް ކުރިން - 25 އޯގަސްޓް 2025 23:34
ރައީސް މުއިއްޒު ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި.

ހދ. ނޮޅިވަރަންފަރުގައި އަމިއްލަ ގޯތީގައި ގެ ނެހެދިފައި ތިބި ފަރާތްތަކަށް ހާއްސަކޮށް 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ނޮޅިވަރަންފަރުގައި މިރޭ ބޭއްވި ބައްަދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެ ރަށުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓް އިމާރަތްކުރަން ނިންމަވާފައިވަނީ ގޯތި ލިބި އެހެންނަމަވެސް ގޯތީގައި ގެ އެޅުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހާއްސަކޮށްގެންކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

"އެ އިން ކޮންމެ ބޭފުޅެއްގެ ގޯތީގައި ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް އެޅުމުގެ މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށް ގެންދާނީ. އެހެންވީމާ އެ ފަރާތްތައް ކައުންސިލުން ފާހަގަކޮށްދޭންވީ. ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި، ނޮޅިވަރަންފަރުގައި ކުރިން އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް އެރަށު ކައުންސިލާ ވަނީ ހަވާލު ކޮށްފަ އެވެ. ނޮޅިވަރަންފަރަށް އަދިވެސް އިތުރު 250 ހައުސިން ޔުނިޓް ބޭނުންވާކަން ރައިސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ހައުސިން ޔުނިޓްތަކުގެ އިތުރުން އެރަށުގައި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ފެށުމަށް ނިންމަވައިފައިވާކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%