ހދ. ނެއްލައިދޫގައި ގާއިމުކުރާ އާ ސިއްހީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ. މި މަރުކަޒުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.
މި ސިއްހީ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އާއި އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ނެއްލައިދޫގެ ތަރައްގީއަށް މުހިންމު ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިއަދު ވަނީ ފަށާފަ އެވެ.
ނެއްލައިދޫ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ނެއްްލައިދޫގެ ސިއްހީ މަރުކަޒު ތަރައްގީކުރަމަށް އަމާޒުހިފާފައިވަނީ 24 ގަޑިއިރު ހިދުމަތް ދެވޭ ފެންވަރަށް ކަމަށާއި އެ މަޝްރޫއުގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ސައުވީސް ގަޑިއިރަށް ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން އިތުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރާއި އަންނައަހަރު ކޮށްދެއްވާނެ ކަމަށެވެ.
މިއީ ރިޔާސީ އިންތިހާބުގައި އަދި ފަހުންވެސް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.
މި މަޝްރޫއު ތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ފިޓްނަސް ސެންޓަރުގައި އިންޑޯ ކުޅިވަރު ކުޅެވޭގޮތަށް ވަސީލަތްތައް ގާއިމުކުރެވޭއިރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭގޮތަށް ފުރިހަމަކޮށް، މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރު އިތުރު ފުޓްސަލް ދަނޑެއްވެސް އަޅުއްވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ބިންގާ އެޅުއްވި މިސްކިތަކީ ފަސްސަތޭކަ މީހުންގެ ޖާގައިގެ ޒަމާނީ، ރަނގަޅު ފެންވަރުގެ، ލައިބްރަރީ އާއި ކްލާސްރޫމްތައް ވެސް ހިމެނޭނެ މިސްކިތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށުގެ ސްކޫލަކީ އޭލެވެލްއަށް ކިޔަވައިދޭ ނަތީޖާ ރަނގަޅު ސްކޫލެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތްތައް ފުރިހަމަވާގޮތަށް، ސްކޫލް ތަރައްގީކުރުމުގެ މަޝްރޫއެއްވެސް ނެއްލައިދޫގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނެއްލައިދޫގައި 60 ހައުސިން ޔުނިޓް ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގެ އިތުރުން ނެއްލައިދޫ ޑިންގީ ޕްލެޓްފޯމް ގާއިމުކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފަ އެވެ. މީގެ އިތުރުން މިއަދު ނެއްލައިދޫގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތްވެސް ފަށާފަ އެވެ.