މިސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި މިވަގުތު އޭޓީއެމްގެ ހިދުމަތް ނުފަށައި ހުރި ރަށްރަށުގައި، ސަރުކާރުން އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވާތީ ބައެއް ފަރާތްތަކުން އަމާޒު ކުރާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އޭޓީއެމް ބެހެއްޓުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.
އޭޓީއެމްގެ ހިދުމަތް ނުފަށާ ހުރި ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ފެށިގެން ދިޔުމުން އެރަށްރަށުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ރަށްރަށުގައި މަސައްކަތްތަށް ކުރިއަށްގެންދާ ފަރާތްތަކަށް އޭޓީއެމްގެ ހިދުމަތް ފެށުމުން ބޭންކުގެ މުއާމަލާތް ކުރަންވެސް ފަސޭހަތަކެއް ވެގެންދާނެ އެވެ.
"އެހެންނޫނީ މިވާ ގޮތަކީ އޭޓީއެމްތައް ނުހުންނަ ރަށްރަށުގެ ރައްޔިތުން ކައިރިން ކޮންމެވެސް އޭޓީއެމް ހުންނަ ރަށަކަށް އަތުން ހަރަދުކޮށްފަ ފައިސާ ޖަމާކުރަން ނުވަތަ ނަގަން ދާން މިޖެހެނީ". --- ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ 2026 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމެވެ. އެގޮތުން ރައީސް އެންމެ ފަހުން ބ. އަތޮޅަށާއި އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ދެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވައިފަ އެވެ.









