ހަނިމާދޫގައި ގާއިމްކުރާ 500 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ހދ. އަތޮޅާށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ ގޮތަކަށެވެ. އެގޮތުން އެއްގޮތަކީ ވަކި ސަރަހައްދެއްގައި ހައުސިން ޔުނިތްތައް އިމާރަތްކުރުމުގެ މަޝްރޫއެއްކަމަށާ އަނެއް ގޮތަކީ ހަނިމާދޫ ރައްޔިތުންގެ އަމިއްލަ ގޯތީގައި ހައުސިން ޔުނިޓްތައް އަޅައިދިނުމުގެ މަޝްރޫއުއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަމިއްލަ ގޯތީގައި ގެދޮރު ނޭޅިފައި ވަރަށް ގިނަ ރައްޔިތުން ހަނިމާދޫގައި ތިބިކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އެފަދަ ފަރާތްތަކަށް ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް މި މަޝްރޫއުގެ ދަށުން އަޅުއްވާދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. މީގެއިތުރުން ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތަށް، ޕަބްލިކް ހައުސިންއަށް ކަނޑައަޅާފައިވާ އޮންނަ ސަރަހައްދުގައި ވަކި މަޝްރޫއުއެއް ގޮތަށް ޖުމުލަ 500 ހައުސިން ޔުނިޓްގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއު އިރާދަކުރެއްވިއްޔާ މިއަންނަ މަހުގެ ކުރީކޮޅު އެޗްޑީސީއާ އަޅުގަނޑުމެން މި ހަވާލުކުރަނީ. އޭރުން މިރަށުގައި ރައްޔިތުންނަށް އެޅޭ 500 ހައުސިން ޔުނިޓާ، އަދި މިހާރު ހިރިމަރަދޫ ރައްޔިތުން މިރަށް ބަދަލުކުރުމަށްޓަކައި ހިނގާނެ މަޝްރޫއުއާއެކީގަ ދެ މަޝްރޫއު، އަދި ކުރިން ފަށަން އުޅެ ކޯޓުގަ މިހާރު އެކިގޮތްގޮތުން ކުރިއަށް ނުގޮސް ހުއްޓިފަ އޮތް މަޝްރޫއުވެސް ކުރިއަށް ދެވޭނެ ގޮތްވީމަ އެ މަޝްރޫއުވެސް ހިނގާނެ. --- ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތްތަނުގައި ހަނިމާދޫއަށް ހިޖުރަކުރާނެ ފަރާތްތަކަށާއި އެ ރަށުގައި ހިދުމަތް ހޯދަން ގާއިމުވެ ތިބޭ ފަރާތްތަކަށް މި މަޝްރޫއުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.









