ހިޔާލުފާޅު ކުރުމުގެ ނަމުގައި އަނެކާގެ އަބުރަށް އަރައެއްނުގަނެވޭނެ: ރައީސް މުއިއްޒު

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 14 ގަޑިއިރު ކުރިން - 24 އޯގަސްޓް 2025 15:37
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ރައީސް މުއިއްޒު: ފޮޓޯ/ ރައީސް އޮފީސް---
ޚުލާސާ

ކޮންމެ މީހަކަށް ވެސް އަބުރަކާއި އިއްޒަތަކާއި ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އެ އިއްޒަތާއި ޝަރަފާއި އަބުރު ލިބިފައިވާކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ވާނީ ވަކި ހުދޫދެއްގެ ތެރެއިން ކަމަށާއި ކޮންމެ ހައްގެއް ވެސް އޮންނަން ވާނީ ވަކި އިމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ، ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކޮންމެ މީހަކުވެސް ހިޔާލު ފާޅުކުރަންވާނީ އެހެން މީހުންގެ ހައްގުތަކަށް ވިސްނައިގެން ކަމަށެވެ. އަދިހަމައެހެންމެ، ކޮންމެ މީހަކަށް ވެސް އަބުރަކާއި އިއްޒަތަކާއި ޝަރަފެއް ލިބިފައިވާ ފަދައިން އަނެކާއަށް ވެސް އެ އިއްޒަތާއި ޝަރަފާއި އަބުރު ލިބިފައިވާކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އަތާއި ދޫ ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމްވެގެންވާ ކަމެކެވެ. އެހެންނަމަވެސް މިއަދުގެ މުޖުތަމައުގައި ފެންނަމުންދަނީ، ކޮންމެ މީހަކުވެސް އަމިއްލަ އެދުމައިގެން ކުރިއަށްދާ ތަންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ނުކުރާ ސަގާފަތަކީ ދިވެހިވަންތަ ސިފައެއް ނޫންކަމަށާއި، ދިވެހިންނަކީ ރިވެތި ސިފަތަކެއް ގެންގުޅުނު ބައެއްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންނަކީ ރިވެތި ސިފަތަކެއް ގެންގުޅުނު ބައެއް ނަމަވެސް މި ރީތި އާދަތައް މިހާރު ދަނީ މަޑުމަޑުން ގެއްލެމުންނެވެ.

"މައިންބަފައިންނަށް އިހުތިރާމު އަދާކުރޭ. އަވައްޓެރިންނަށް އޯގާތެރި، މުސްކުޅިންނަށް، އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ، ކުޑަަކުދިންނަށް އަޅާލާ. މިހެން ގޮސް ވަރަށް ރީތި ސިފަތަކެއް އޮތް ގައުމެއް މިއީ. މުޖުތަމައެއް މިއީ. އެކަން އިއާދަކުރަން އެއީ އަޅުގަނޑުމެން މިއަދު އަޒުމް އާ ކުރަންވީ ކަމަކީ،" --- ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އަމިއްލަ ޒިންމާ އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވައިލެއްވި އެވެ. މީގެއިތުރުން، އެންމެން އެއް ވިސްނުމެއްގައި ގައުމީ މަސްލަހަތު އިސްކޮށް، ދިވެހިވަންތަ ސަގާފަތް ކުރިއަށް އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށް މަސައްކަތްކުރުމަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%