ދިވެހި ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފު ހއ. އުތީމު ރައްޔިތުންނަށް އަރުވައިފި އެވެ.
އުތީމުގެ ރައްޔިތުންނަށް މި ޝަރަފު އެރުވުނީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ގައެވެ. އުތީމު ރައްޔިތުންނަށް މި ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަދި މި އައްޑަނައާ ހަވާލުވެ ވަޑައިގަތީ އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދެވެ.
ގައުމިއްޔަތަށް ހިދުމަތްކުރުމުގެ ޝަރަފު އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ނިންމަވާފައިވަނީ، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އެ ރަށު ރައްޔިތުން އަދާކުރި އިސް ދައުރާއި، އެކަމަށް ދީފައިވާ ހާއްސަ އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުންނާއި، އެ ރަށު ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރު 500 އަހަރުވެފައިވާތީ އެވެ.
އުތީމު ގަނޑުވަރަކީ ރާއްޖޭގެ ރަސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބޮޑުތަކުރުފާނު ދިރިއުޅުއްވި ތާރީހީ ގަނޑުވަރެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރެވެނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އުތީމު ބޮޑުތަކުރުފާނުގެ ހަނދާނުގަ އެވެ. މި ދުވަހަކީ ދިވެހި ގައުމިއްޔަތާއި މިނިވަންކަމުގެ މުހިންމުކަން އަލުން ހަނދާންކޮށް، އަޅުގަނޑުމެންގެ ގައުމީ ބަތަލުންނަށް ޝުކުރުވެރިވާ ދުވަހެކެވެ.









