ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ހއ. އުތީމަށް ފުރާވަޑައިގެންފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އިތުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ގައުމީ ދުވަހުގެ މި ހާއްސަ ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުންވެސް އޮތެވެ. މި ރަސްމިއްޔާތު ނިންމާލާފައިވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގަ އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތައްފަހު ރައީސްގެ ދެކަނބަލުން ވަނީ އުތީމަށް ވަޑައިގެންފަ އެވެ. މިއީ ޖެހިޖެހިގެން އުތީމުގައި ގައުމީ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވޭ ދެވަނަ އަހަރެވެ.
ގައުމީ ދުވަހުގެ ޖަލްސާ މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ 10:00 ގައެވެ. މިއަދުގެ ޖަލްސާގައި، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި އުތީމުގެ ރައްޔިތުން ވޭތުވެދިޔަ 500 އެއްހާ އަހަރު ދުވަހު ކޮށްފައިވާ މަސައްކަތަށް ހާއްސަ ޝަރަފެއް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ގައުމީ ދުވަސް ފާހަގަކުރަނީ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހު އެވެ. ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި ހަނދާން އާކުރުމުގެ ގޮތުންނެވެ.









