ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ހއ. އުތީމު ރައްޔިތުންނަށް އެރުވުމަށް ނިންމަވައިފި އެވެ. މި ޝަރަފު އެރުވުން އޮންނާނީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ ހެނދުނު އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ޑރ. މުއިއްޒު މި ޝަރަފު އެރުވުމަށް ކަނޑައެޅުއްވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި އެކަމަށް ދިން އަހަންމިއްޔަތުކަމުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރުމުގެ ގޮތުންކަމަށެވެ. އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާ އެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާކަން ވެސް ރައީސް އޮފީހުން ފާހަގަކުރި އެވެ.
އެގޮތުން، މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރު އުތީމުގަ އެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ މި ރަސްމީ ޖަލްސާގައި، ދިވެހި ގައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްސަ ޝަރަފުގެ އިތުރުން ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ތިން ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މީގެ އިތުރުން މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުން ކަމަށް ރައީސް އޮފީހުން ހާމަކުރި އެވެ.









