ކުރިއަށް އޮތް ދިރާސީ އާ އަހަރު، އިތުރު ފަސް ރަށެއްގައި މަތީ ސާނަވީއަށް ކިޔަވައި ދޭން ފަށަން ނިންމައިފި އެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން އެ ފަސް ރަށުގައި ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެ މިނިސްޓްރީން އަންނަނީ ވަމުންނެވެ. އެހެންނަމަވެސް މަތީ ސާނަވީއަށް ކިޔަވައި ދޭން ފަށަން ނިންމީ ކޮން ފަސް ރަށެއްގެ ސްކޫލްތަކެއްގައި ކަމެއް އެ މިނިސްޓްރީން އަދި ހާމަކޮށްފައިނުވެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްގްރާމެއްގައި ވާހަކަދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު މުހައްމަދު ވިދާޅުވެފައިވަނީ، މި އަހަރުގެ ސާނަވީ އިމްތިހާނުގައި ރަށްރަށުގެ ގިނަ ސްކޫލުތަކެއްގެ ދަރިވަރުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި މި ސްކޫލުތަކުގެ ދަރިވަރުން އެ ދަރިވަރުންގެ ރަށުގައި ތިބެގެން މަތީ ސާނަވީއަށް ކިޔެވުމަށް އެދޭނަމަ، އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
މަތީ ސާނަވީ ކިޔެވުމަށް ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މިންގަނޑުތަކަށް މުހިންމު ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފަ އެވެ. މި ބަދަލުތަކާ އެކު، ސާނާވީ އިމްތިހާނުގައި ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށް، އެ ދަރިވަރަކު ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސުތު ސަރުކާރުން މިހާރު ވަނީ ތަނަވަސްކޮށްދީފަ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކޮންމެ އަހަރަކުވެސް ދިވެހިރާއްޖޭގެ ސްކޫލުތަކުން ދަރިވަރުން ރަނގަޅު ނަތީޖާތައް ހޯދަމުންދާކަމެވެ. އަދި މި ކާމިޔާބީތައް ހޯދާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.









