ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހާ ގުޅިގެން، ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އިންތިޒާމުކޮށްގެން ސިފައިންގެ ޝަރަފުގެ ހިނގާލުމެއް މާދަމާ ހަވީރު މާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މި ހަރަކާތަކީ ގައުމީ ދުވަހުގެ ރޫހު އާލާކޮށް، ދިވެހި ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ބަތަލުންގެ ހަނދާން އާކުރުމަށް ބާއްވާ މުހިންމު ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރި އެވެ.
އެމްއެންޑީއެފުން ބުނީ، މި ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:30 ގައި، ބަންޑާރަކޮށި ކުރިމަތިން ކަމަށެވެ. މާލޭގެ މައި މަގުތަކުގައި ކުރިއަށްދާ މި ހިނގާލުމުގައި، ލަޝްކަރު ޖުމްލަ ހަތަރު ތަނެއްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިލިޓަރީ ބޭންޑުން ކޮންމެ ތަނެއްގައި ވެސް ރާގު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަޝްކަރު ހުއްޓާ ސަރަހައްދުތައް ތަކަކީ ސޯސަންމަގު، ދިވެހިބަހުގެ އެކަޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަނގޮޅި، މަޖީދީމަގު، މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު، ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށެވެ.
ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަހުރުވެރި "ގައުމީ ދުވަސް" ގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖެ 15 އަހަރާއި ހަ މަސް ދުވަސް ފަހުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރި ނަސްރާއި، އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި، އަދި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އާ ކުރުމަށެވެ.
އެގޮތުން، ދިވެހި ގައުމީ ދިފާޢީ ބާރުން ވަނީ ރައްޔިތުންނަށް މި ހިނގާލުން ބަލާލުމަށް ދައުވަތު އަރުވާފަ އެވެ.









