ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމްވިޔަ ނުދިނުމަށް ހުޅަނގު އައްސޭރި ދެފަޅި ކޮށްލަނީ

ޢަބްދުﷲ ޖުނައިދު | 11 ދުވަސް ކުރިން - 23 އޯގަސްޓް 2025 13:28
ޢަރަބި ބައެއް ލީޑަރުން - އެމީހުން މަސައްކަތް ކުރީ ފަލަސްޠީނުގެ ނަން ވިއްކައިގެން އަމިއްލައަށް މަޝްހޫރުކަން ހޯދުމަށް.
ޢަރަބި ބައެއް ލީޑަރުން - އެމީހުން މަސައްކަތް ކުރީ ފަލަސްޠީނުގެ ނަން ވިއްކައިގެން އަމިއްލައަށް މަޝްހޫރުކަން ހޯދުމަށް.
ޚުލާސާ

ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤައިމްވިޔަ ނުދޭނެ ކަމަށާއި ހުޅަނގު އައްސޭރީގައި 3500 ހައުސިން ޔުނިޓް އަޅާނެ ކަމަށް އިސްރާއީލުން ބުނެފި.

ޢަރަބިން ބަލަބަލައި ތިއްބާ އިސްރާއީލުން މެދުއިރުމަތީގެ ކޮންޓުރޯލް ނެގުމަށްޓަކައި ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމްވިޔަ ނުދިނުމަށް ޗާޓު ކުރަހައި އެންމެ ފަހުން ހުޅަނގު އައްސޭރި ވެސް ދެބަޔަކަށް ބަހާލަން ރާވައި، އެ ތަނުގައި 3000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަޅަން އިއްޔެ ނިންމައިފިއެވެ. މި ހުރިހާ ކަމެއް ފެށިގެން މި ހިސާބަށް އައި އިރު ޢަރަބި ސިޔާސީ ލީޑަރުން މަސައްކަތް ކުރަމުން ދިޔައީ ފަލަސްޠީނުގެ ނަން ބޭނުންކޮށްގެން އެ މީހުން އަމިއްލައަށް މަޝްހޫރު ވުމަށެވެ.

ނޭޓޯ އާއި ބްރިކްސް އަދި އީޔޫ ފަދަ ޖަމާއަތްތަކުގެ ކުރިމަތީގައި ވެސް ޢަރަބި މުސްލިމު ލީގު އޮންނަނީ މަރުވެފައިވާ ރައްޔިތެއް ފަދައިންނެވެ. މުސްލިމު ޤައުމުތަކުގެ އަމިއްލަ ލަޝްކަރެއް ޤާއިމް ކުރުމަށް ތުރުކީ އާއި އީރާނުންނާއި އިތުރު ޤައުމުތަކުން މަސައްކަތް ކުރަމުން އެކަމަށް ވެސް ސައޫދީން ހުރަސް އެޅީއެވެ. ނަތީޖާ އަކީ މުސްލިމުންގެ ގުޅިފައިވާ އަމިއްލަ ލަޝްކަރެއް ނެތްތަނުގައި ހުޅަނގުގެ ލަޝްކަރުތަކުގެ ކުރިމަތީގައި މުސްލިމު ޤައުމުތައް ކުޑަކަކޫ ޖަހަން ޖެހުމެވެ. ފަލަސްޠީނުގެ މައްޗަށް ޔަހޫދީންނަށް ގަދަ ވެވުނު ސަބަބަކީ ވެސް މުސްލިމުންގެ އާރެއް ބާރެއް ނެތުމެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީ ފުޅާކުރުމުގެ ބޮޑު ޕްލޭނެއް އިސްރާއީލުން ފާސްކުރުމުގެ ސަބަބުން ހުޅަނގު އައްސޭރި މުޅިން ދެ ބަޔަކަށް ވަކިވެގެންދާނެއެވެ. އަދި ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދުތަކާއި ޤުދުސް މުޅިން އެކަހެރި ވާނެއެވެ.

ޔަހޫދީންގެ މިހާރުގެ ޕްލޭނުގައި ވާގޮތުން ހުޅަނގު އައްސޭރި ދެބައިކޮށްލާނެ ގޮތް / ދިރާސާ: ޖުނައިދު، ޚުލާޞާ

ޔަހޫދީން ވަނީ ހުޅަނގު އައްސޭރީގައި 3500 އެއްހާ ހައުސިން ޔުނިޓް އެޅުމުގެ ޕްލޭން އިއްޔެ ރަސްމީކޮށް ފާސްކޮށްފައެވެ.

އެއާއި އެކު އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ބުނީ، ފަލަސްތީނުގެ ދައުލަތް މޭޒުމަތިން ފޮހެލެވޭނެ ކަމެކެވެ. އަދި އިސްރާއީލުން ދައްކާނީ ހުސް ވާހަކަތަކެއް ނޫން ކަމަށާއި ނަގާނީ އެކްޝަން ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީ ޤުދުސް ނުވަތަ (القدس الشرقي) އާއި މަޢާލިއާ އަދޫމީމް (معاليه أدوميم) އާއި ދެމެދު ގާތްގަނޑަކަށް 3،500 ހައުސިން ޔުނިޓް އެޅުމުން ހުޅަނގު އައްސޭރި (މަތީގައިވާ ތަޞްވީރުން ފެންނަ ފަދައިން) ދެބައި ވާނެއެވެ.

މިކަމުގެ ސަބަބުން އުތުރުގައި އޮންނަ ރާމަﷲ (رام الله) އާއި ނަބްލޫސް (نابلس) އާއި ދެކުނުގެ ބައިތުލްޙަމް (بيت لحم) އާއި ހިބްރޫން ވެސް އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދިޔައީއެވެ.

މި ޕްލޭނުން ފަލަސްތީނު މީހުންގެ ދަނޑުވެރިކަމުގެ ބިންތައް އަތުލައި، ވިޔަފާރީގެ މަގުތައް ބަންދުވާނެއެވެ. ހުރިހާ ތަނެއްގައި ހުންނާނީ އިސްރާއީލުގެ ޗެކްޕޮއިންޓް ތަކެވެ. އެއިން ޗެކްޕޮއިންޓެއް ހުރަސް ނުކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ދަތުރެއް ވެސް ނުކުރެވޭނެއެވެ. އެހެންކަމުން މިއީ ފަލަސްޠީނަށް މިނިވަން ދައުލަތެއް ޤާއިމްކުރުމަށް އޮތް ހަނި މަގު ވެސް ބަންދުވެގެން ދާނެ ގޮތެކެވެ. ކުރުކޮށް ބުނާ ނަމަ ޢަރަބިން ޝަރާބީ ހުވަފެނުގައި ތިއްބާ ވަގުތު ފާއިތުވަމުން ގޮސް ހުޅަނގު އައްސޭރިފަށުން ޣައްޒާ އެކަހެރިވެ، އިރުމަތީ ޤުދުސް މުޅިން ވަށާލުމުން ފަލަސްތީނުގައި އިސްތިޤުލާލީ ދައުލަތެއް އުފެއްދުމުގެ ފުރުޞަތު ފޮހެވިގެން ދިޔައީއެވެ.

ލަފާ ކުރެވޭ ގޮތުގައި މި ޕްލޭން ކާމިޔާބު ކޮށް އިސްރާއީލުން ހުރިހާ މުހިއްމު ބިންތަކެއްގެ މައްޗަށް ދާއިމީ ކޮންޓްރޯލް ނަގާނެއެވެ. ފަލަސްޠީނު އޮންނާނީ އިސްރާއީލުގެ ބާރުގެ ދަށުގައި ފިތިފައެވެ.

މިކަން މިހެން ދިމާވާން މި މެދުވެރިވާ ސަބަބަކީ މުސްލިމު ޤައުމުތަކުން އެ މީހުންގެ ސުންނަތް ދޫކޮށްލައި، ޝަރީޢާ ބަދަލުކޮށްލުމަށްޓަކައި އެމެރިކާ އާއި ހުޅަނގުގެ ހަންފަތުރާ ޖަމްޢިއްޔާ އަދި ޖަމާއަތްތަކުގެ މެންބަރުކަން ހޯދުމުގެ ސަބަބުންނެވެ. ފަލަސްތީނަށް މި ބޮނޑި ލިބެން މެދުވެރިވި ޢަރަބީންގެ ސަބަބުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%