އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ 641،000 މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ނުރައްކާ އެބައޮތް ކަމަށް އދ. އާއި ގުޅިގެން މަސައްކަތްކުރާ އިންޓަގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލަސިފިކޭޝަން (އައިޕީސީ) އިން ބުނެފިއެވެ.
އައިޕީސީ އަކީ އދ ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ)، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ)، ޔުނިސެފް، އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ހިމެނޭ ގޮތަށް އދ. ގެ ބޮޑީތައް އެއްތަންކުރާ ބައިނަލްއަޤްވާމީ އިދާރާއެކެވެ.
އައިޕީސީން ރަސްމީކޮށް މިހާރު ވަނީ ޣައްޒާ އަކީ ބަނޑަށްޖެހިފައިވާ ތަނެއް ކަމަށް ކަނޑައަޅާފައެވެ. މިއީ މެދުއިރުމަތީގެ ބަޔަކު ބަނޑަށްޖެހިފައިވާކަން ރަސްމީ ކޮށް އިޢުލާންކުރި ފުރަތަމަ ފަހަރެވެ.
އައިސީޕީ އިން މިކަން އިއުލާން ކުރިއިރު، މިހާރުވެސް 500،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން ދަނީ ކާނާ ނުލިބުމުގެ ސަބަބުން މުސީބާތެއްގެ ތެރޭގައެވެ.
އައިޕީސީގެ ރިޕޯޓުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ދޭނެ އެއްވެސް ކާނާއެއް ޣައްޒާއަކު މިހާރަކު ގާތްގަނޑަކަށް ނުވެސް ނެތެވެ. އެހެންކަމުން ކުރިއަށް އޮތް ހަފްތާތަކަކީ މަރުވާ ހަފްތާތަކަކަށް ވެދާނެ ކަމަށް އެހީދޭ އިދާރާތަކުން އިންޒާރު ދެ އެވެ.
ނުރަސްމީ ޚަބަރުތައް ބުނާ ގޮތުގައި ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މިއަދުވެސް ދެމީހުން މަރުވެފައިވާއިރު އޭގެތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.









