ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ. ސްރީ ލަންކާގެ މީޑިޔާތަކުން ކަށަވަރުކޮށްފައިވާ ގޮތުގައި، މިއީ ސްރީ ލަންކާގެ ތާރީޚުގައި ދައުލަތުގެ މަތީ ވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅަކު ހައްޔަރު ކުރެވުނު ފުރަތަމަ ފަހަރެވެ.
ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ސީއައިޑީއިން ތަޙުޤީޤު ކުރަމުން ދަނީ، ވިކްރަމަސިންހަ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެކެވެ.
މިއަދު ހެނދުނު، ވިކްރަމަސިންހަ ވަނީ ސްރީ ލަންކާގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޜަން (އެފްސީއައިޑީ)އަށް ހާޒިރުވެ ވަޑައިގެން، ތަޙުޤީޤަށް ބޭނުންވާ ބަޔާނެއް ދެއްވާފަ އެވެ. އޭގެފަހުން އޭނާ ހައްޔަރުކޮށް، މިއަދުގެ ވަގުތެއްގައި ސްރީ ލަންކާގެ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ.
ސީއައިޑީން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. މި ދަތުރުފުޅަށް ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް (ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު) ޚަރަދުކުރައްވާފައިވާ ކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
މި ދަތުރުފުޅުގައި ވިކްރަމަސިންހަގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑައިގެންނެވި ކަމަށް ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ލަންޑަނަށް ކުރެއްވި މި ދަތުރުފުޅަކީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކުރެއްވި ދަތުރުފުޅެއް ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.