ދ. ވައްލައަކީ އެއަތޮޅު ކުޑަހުވަދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މި ނިންމުން ނިންމަވާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކުޑަހުވަދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
”ދ. ކުޑަހުވަދޫގެ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ދ. ވައްލަ ހަމަޖައްސައިދެއްވާނެ“ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ މާޗު މަހު ދ. ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފަ އެވެ.
މި ނިންމެވުމާއެކު، ދ. ވައްލައަކީ ދ. ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖެހި، އެރަށުގެ އިގްތިސާދީ މަސައްކަތްތައް ފުޅާކުރުމަށް މަގުފަހިވެގެން ދާނެ އެވެ.









