ޣައްޒާ ސިޓި ހިފުމަށް “ފޭސް1” ގެ ނަމުގައި އިސްރާއީލުގެ ސިފައިން އެޔެއް މިޔެއް ނުބަލައި ޣައްޒާގެ އުތުރުގެ އެތައް ތަނަކަށް ބޮން އަޅަން ފަށައިފިއެވެ. ޚަބަރުތައް ލިބޭ ގޮތުގައި މިވަގުތު ބޮން އަޅަމުން ދަނީ ޖަބާލިޔާ އާއި ޖަބަލިޔާގެ ވަށައިގެންވާ އަވަށްތަކުގައި ދިރިއުޅޭ ގެތަކަށެވެ.
ބޮޑުވަޒީރު ނަތަންޔާހޫގެ އޯޑަރަށް 60،000 ސިފައިންނާއެކު މިހާރު ކުރިޔަށް ގެންދާ މި ޖަރީމާގައި 66 މީހުން ޝަހީދުވެ 185 މީހަކު ޒަހަމްވެފައިވާކަން ޣައްޒާގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދެއެވެ.
އިސްރާއީލުން މިހާރު ޓާގެޓް ކުރަމުން ދަނީ ޣައްޒާ ދޫކޮށް ދިޔުމަށް އެމީހުން އިންޒާރު ދިނުމުންވެސް އެ ސިޓީ ދޫކޮށް ނުގޮސް އެކި ގެތަކުގައި ހިޔާވަހިކަން ހޯދައިގެން ތިބި މީހުންނަށް އަމާޒުކޮށެވެ. ނަމަވެސް އިސްރާއީލުން ބުނަނީ އެ މީހުން ޢާންމުންނަށް ޙަމަލާ ނުދޭ ކަމަށާއި، ޢާންމު ގެތަކަށް ޙަމަލާ ދެނީ އެ ތަންތަނަކީ ޙަމާސްގެ ސިއްރު އޮޕަރޭޝަންތައް ހިންގަމުންދާ ތަންތަން ކަމަށް ބުނެއެވެ.
ޣައްޒާ ހަނގުރާމައިގައި ޙަމާސް އިން ބުނާ ގޮތުންނަމަ 1 ލައްކަ އަށްވުރެ ގިނަ މީހުން މިހާރު ވަނީ ޝަހީދުވެފައެވެ.









