އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާ އެ އަތޮޅުގެ ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދިނުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ސަރުކާރުގެ އިސްވެރިންގެ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވާއިރު އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ތަޢާރަފުކުރައްވާފައެވެ. އަދި އެ އަތޮޅު މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ރަސްމީގޮތުން ފައްޓަވާފައެވެ.
ލޯކަލް ޓޫރިޒަމް ވަރަށް ފުޅާ ދާއިރެއްގައި ކުރިއަރަމުން އަންނަ މި އަތޮޅުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ވައުދުވެފައިވާއިރު ޖެހިގެން އައި ދުވަހު މަތިވެރީގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ވަނީ ފަށާފައެވެ. ރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއެކު ޖުމްލަ 26.5 ހެކްޓަރުގެ ބިން ހިއްކަން ފަށާފައިވާއިރު އެ އަތޮޅުގައި ބޯހިޔާވަހިކަމަށް ބޭނުންވާ އެހެން ރަށްތަކަށް ވެސް އެ މަނިކުފާނު ވަނީ އުފާވެރި ހަބަރުތަކެއް ދެއްވާފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ އުކުޅަހު ރައްޔިތުންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ވަރަށް އަގު ހުރި ނަސޭހަތެއް ލޯކަލް ޓޫރިޒަމް ކުރާ ފަރާތްތަކަށް ދެއްވާފައެވެ. ލޯކަލް ޓޫރިޒަމް ދީނީ މިންގަނޑު ތެރޭގައި ހިފެހެއްޓުމަށާއި މުއްސަދިކަން ހޯދާއިރު އިސްލާމްދީނުގެ ހަމަތަކާ އެއްގޮތަށް އެކަން ކުރުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެފައެވެ.









