ގޭންގު ކުށުގެ ޤާނޫނުން އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާނެ: ޕީޖީ

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 20 އޯގަސްޓް 2025 16:50
ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް
ޚުލާސާ

ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށާއި، އެކަމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށް އައްބާސް ވިދާޅުވި.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުން، އިންސާފު ގާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރާއި ޔަގީންކަން އިތުރުވެގެންދާނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވިދާޅުވެއްޖެ އެވެ.

އައްބާސް މިފަދައިން ވިދާޅުވީ، ގޭންގުތަކުން ހިންގާ ކުށްތަކާ ބެހޭ ގާނޫނާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޚާއްސަ ސެޝަންގެ ތެރެއިން ވާހަކަދައްކަވަމުންނެވެ. މި މައުލޫމާތު ސެޝަން ބާއްވާފައިވަނީ ޕީޖީ އޮފީހުން، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ގާނޫނަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

އައްބާސް ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ހިންގާނަމަ، އެއީ ގޭންގެއްގެ ގޮތުގައި ކަނޑައަޅައި ފިޔަވަޅު އެޅޭނެ ކަމަށެވެ. ނަމަވެސް، ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށާއި، އެކަމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށް އައްބާސް ފާހަގަކުރެއްވި އެވެ.

އާ ގާނޫނުގެ ދަށުން، ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅޭނެ އެވެ. އަދި އިންތިޒާމުވެގެން ބަޔަކު ގުޅިގެން ކުށްކުރާކަމަށް ސާބިތުވެ، އެއީ ގޭންގެއްކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕުގެ މައުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭނެކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނާއެކު ގެނެވޭ ބަދަލުތަކުން އިންސާފު ގާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އެގޮތުން، މީގެ ކުރިން ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް، އަދަބު ދެގުނަ ލުއިކޮށްދެވުމުގެ ފުރުސަތު އޮތްނަމަވެސް، އާ ގާނޫނާއެކު ބޮޑެތި ކުށްތައްކުރުމުން އެ ދޮރުތައް ބަންދުވާނެކަމަށް އައްބާސް ވިދާޅުވި އެވެ. އަދި ބޮޑެތި ކުށްކުށަށް އެއްވެސް ވަރަކަށް ލުއި ނުދެވޭނެކަމަށްވެސް އައްބާސް އިތުރަށް ވިދާޅުވި އެވެ.

މި ގާނޫނުގައި ނުހައްގުން ހޯދާފައިވާ މުއްސަނދިކަން ދައުލަތަށް ނެގުމުގެ މަގުވެސް ފަހިވެގެންދާނެ އެވެ. މިގޮތަށް ނަގާ މުދާ ބެލެހެއްޓުމާއި އެ މުދަލާމެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މާލިއްޔަތާ ބެހޭ ވުޒާރާއިންކަމަށް ޕީޖީ އޮފީހުން ފާހަގަކުރި އެވެ.

އެގޮތުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ގާނޫނަށް އާންމުން ހޭލުންތެރިކުރުމަށް ޕީޖީ އޮފީހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަަމަށް އެ އޮފީހުން ހާމަކުރި އެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%