އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރައްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ބޮޑުފުޅަދޫއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ރަށުގައި ސްޕޯޓްސް ކައުންސިލެއް ނެތުމާއިއެކު، އެކަން ގާއިމުކޮށްދޭނެކަމަށެވެ.
ރައީސް ވިދާޅުވީ އެރަށުގައި ޕޯޓްސް ކައުންސިލެއް ގާއިމުކުރުމްށް މިނިސްޓްރީއިން ލިބެން ޖެހޭ ހުއްދަތަށް ޔަގީނުންވެސް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް އަލިއަޅުވާލާ ރައީސް ވިދާޅުވީ ހޭންޑްބޯލް ކޯޓެއް އެ ރަށުގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
އޭގެ އިތުރަށް އެ ރަށުގެ ފުޓުބޯޅަ ދަނޑުގައި ލައިޓު ޖެހުމުގެ މަސައްކަތަކީ ސަރުކާރުން ކުރަން ނިންމާފައި އޮތް ކަމަކަށް ވުމާއިއެކު، އެމްޓީސީސީއިން އެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ބަޖެޓުގައި ހިމަނައިގެން އަންނަ އަހަރުގެ ކުރީކޮޅުގައި ބޮޑުފުޅަދޫގައި އާ ފުޓްސަލް ދަނޑެއް އަޅައިދިނުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ގެ ވާހަކައިގައި ފާހަގަ ކުރި އެވެ.
އިތުރަށް ރައީސް ވިދާޅުވީ އެ ރަށުގައި މިދިޔަ ސަރުކާރުން ހިއްކައިފައިވާ ހަތަރު ހެކްޓަރުގެ ބިމަށް ހައްލެއް ހޯދައި، އެމްޓީސީސީއިން އެ ސަރަހައްދު ރަށުގެ ބޭނުމަށް ހަވާލުކުރަން ނިންމަވައިފައިވާ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ދެން އޮންނާނީ އެތަން ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުންކަމަށް ރައީސް ވިދާޅުވި އެވެ.
އެންމެ މުހިއްމު ކަމަކަށް ރައީސް ފާހަގަ ކުރެއްވީ އެ ރަށުގެ ގެދޮރުގެ މައްސަލައިގެ ވާހަކަ އެވެ. ރައީސް ދެންނެވީ ގެދޮރުގެ މައްސަލައަކީ ޖުމްލަކޮށް ރާއްޖޭގެ އެންމެ ބޮޑު މައްސަލަކަމަށެވެ. އެ ކަމާއި ގުޅިގެން އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދޭނެ ދާއިރާއަކީ ގެދޮރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
“ކޮންމެ އަހަރެއްގެ ބަޖެޓުގަ ވެސް އެންމެ އިސްކަން ދޭނީ ހައުސިން މަޝްރޫއުތައް ހިންގުމަށް.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަންނަ އަހަރުގެ ކުރީކޮޅުގައި ބޮޑުފުޅަދޫގައި 50 ހައުސް ޔުނިޓު އެޅުމަށް ކަނޑައަޅައި އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށެވެ.