އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރައްތަކަށް ކުރައްވަމުންދާ ދަތުރުގައި މިރޭ އެ އަތޮޅުގެ މާތިވެރި އަށް ވަޑައިގެން، ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
“ކުރިއަށް އޮތް ލޯކަލް އިންތިހާބުގަ ރައްޔިތުން ވޯޓު ލާން ދާއިރު އަތޮޅު ކައުންސިލް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ." ރައީސް ވިދާޅުވި އެވެ.
އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެކަމަށް ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އެގޮތުން އޭގެ ފަހުން ވުޒާރާތަކާއި އެކު މަސައްކަތް ކުރާނީ ރަށު ކައުންސިލް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކައުންސިލްތައް ކުޑަކުރުމަށް ވެސް އިސްލާހު ހުށަހެޅުމާއި، 2000 މީހުންގެ އާބާދީއަށް ވުރެ ކުޑަ ރަށް ތަކުގައި ދެން އޮންނާނީ ތިން މީހުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި 2000 މީހުންނަަށް ވުރެ ކުޑަ އާބާދީ އޮންނަ ރައްތަކުގައި ފަސް ކައުންސިލަރުން ތިބޭނެކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ސިޓީ ކައުންސިލްތަކަށް މި ބަދަލެއް ނާންނާނެކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ކުރިއަށް އޮތް ތާނގައި ބޭއްވުމަށް ވެސް އިސްލާހެއް ހުށަހަޅާނެ ކަމަަށް ރައީސް ވިދާޅުވި އެވެ.
މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މި ދަތުރުފުޅުގައި އެއާޕޯޓުގެ މަޝްރޫއު ފެށުމަށް ވަނީ ސޮއި ކޮށްފައި އެވެ. އެ އެއާޕޯޓު އެއްބަސްވުމުގައި އެމްއޭސީއެލާ އެކު، ސޮއިކުރީ ރައީސް އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގަ އެވެ.
އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިން އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި މަތިވެރި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް 30 މަސް ދުވަސް ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމައި އެ ތަން ހުޅުވާނެ އެވެ.