އއ. ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރުފަޅު ހަމަޖައްސައިދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އއ. ފެރިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާފަރުފަޅު ތަރައްޤީކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގަ އެވެ. މިއީ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ ލިޔުންތައް ވަރަށް އަވަހަށް ނިންމަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށެވެ. މީގެ ތެރޭގައި ފުލުހުންގެ މަރުކަޒު ޤާއިމްކުރުމާއި، ސްކޫލަށް ޖާގަ އިތުރުކުރުމާއި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދާއި، ޕިކްނިކްދާނެ ސަރަހައްދު ތަރައްޤީކުރުން ހިމެނެ އެވެ. މި މަސައްކަތްތައް މިހާރު ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތަށް އެމަނިކުފާނު ވަޑައިގަންނަވަނީވެސް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށާއި، ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށެވެ.
ފެރިދޫގައި ހުރި އަތޮޅު މަދަރުސާއަކީ ކުރީގެ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ފެންވަރު ދަށްވެފައިވާ ތަނެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސްކޫލަށް ޖާގަ އިތުރުކުރުމަށް ސޮއިކުރި އެއްބަސްވުމަކީ ސްކޫލަށް ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބާއި، ކޮމްޕިއުޓަރ ލެބާއި، ސްޓާފް ރޫމާއި، ސެން ކްލާހާއި ލައިބްރަރީ އާއި އެނޫންވެސް ވަސީލަތްތައް ހިމެނޭގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.
"މިސްކޫލް އިމާރާތްކުރެވޭނީ ޖާގައާއި ވަސީލަތްތައް ޤާއިމްކުރޭނެގޮތަށްކަމުގެ ޔަޤީންކަން އަޅުގަނޑު ތިބޭފުޅުންނަށް ދެން. ޑީޓެއިލް ޑިޒައިނާއި އެހެނިހެން ކަންކަން ފުރިހަމަކޮށް ގިނަވެގެން 3 މަސްތެރޭ މަސައްކަތް ފަށާނަން. ޓާގެޓަކީ އެއަށްވުރެ އަވަހަށް އަމަލީ މަސައްކަތް ފަށައި، ވަރަށް ބާރު ސްޕީޑުގަިއ ކުރިއަށްގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން އަޅުގަނޑުދެން،" ރައީސް ވިދާޅުވި އެވެ.
ހަމަ އެހެންމެ، ސްކޫލުގައި ޕްރިންސިޕަލެއް ޤާއިމްވެ ނެތުމާއި މުދައްރިސުންގެ ދަތިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވި އެވެ.
ރައީސް ވިދާޅުވީ ސިއްޙީ މަރުކަޒުގައި ފެންވަރު ރަނގަޅު ލެބޯރެޓަރީއެއް ޤާއިމްކޮށް، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތްވެސް ރަށަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ޤާއިމްވެ ތިބޭގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށާއި، ނަރުހުން ހޯދުމާއެކު، ސިއްޙީ ޚިދުމަތުގެ ފެންވަރުވެސް މަތިކޮށްދެއްވާނެކަމަށެވެ.
މަގު ހެދުމުގެ މަޝްރޫޢަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުން އެދޭގޮތަށް އެ މަސައްކަތްވެސް ފެށޭ ހިސާބުގައި އޮތްކަން ފާހަގަކުރައްވާފަ އެވެ. އެކަމަށް ބަޖެޓުވެސް ހަމަޖެހިފައިވާކަމަށާއި، ދެތިން ހަފްތާގެ ތެރޭގައި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. "އަމަލީގޮތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް މިއަހަރު ފެށޭނެވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ބަނދަރު ނެރުގައި ހުރި މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައްވެސް ޤާއިމްކުރުން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ފުޓްބޯޅަ ދަނޑާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތާއި، އައުޓްޑޯ ޖިމްގެ އިތުރުން 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އިސްލާމީ ލައިބްރަރީއާއި އެނޫންވެސް ބައެއް ޚިދުމަތް ޤާއިމްކުރުމާއެކު ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ގުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއްވެސް ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށާއި، ފުލުހުންގެ މަރުކަޒު ޤާއިމްކުރެވެންދެން ފުލުހުންގެ ޚިދުމަތްވެސް ފެރިދޫގައި ދެވޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.






