ކޮންސްޓްރަކްޝަން މިނިސްޓްރީއިން އއ. މާޅޮހުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށާއި، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސޮއިކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީއިން ނެރުނު މީޑިއާ ބްރީފެއްގައި ބުނީ އއ. މާޅޮހުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އެގްޒިމް ބޭންކް އޮފްއިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގރ ތެރެއިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ކަލްޕަތުރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫއެއް ކަމަށެވެ. އެ ބްރީފްގައި ވާ ގޮތުން މި މަޝްރޫއުގެ އަގަކީ 49,307,404.33 ރުފިޔާ އެވެ.
މީގެ އިތުރުން އެ ބްރީފްގައި ވަނީ މި މަޝްރޫއުގެ ތެރެއިން ބޯ ހޯލް އެޅުމާއި، ވާރޭ ފެން ރައްކާކުރާ ޓޭންކާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އާރް.އޯ ޕްލާންޓް އިންސްޓޯލް ކުރުމާއި ލެބޯރެޓްރީ ހިމެނޭގޮތަށް ސޯލާ ޕެނަލްސް ހަރުކޮށްފައިވާ އެޑްމިނިސްޓްރޭޝަން ބިލްޑިން އެޅުމާއި މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ފެން މީޓަރު ރަށުގެ ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބަހައްޓައި ދިނުން އަދި ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، މުޅި ރަށުގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބީސީތަކާއި ނަރުދަމާނިޒާމު ގުޅުމަށްޓަކައި ކެޗްޕިޓް ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ބެހެއްޓުން ހިމެނޭ ކަމަށެވެ.
އިތުރަށް އެ ބްރީފްގައި ވަނީ މާޅޮހުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކަމަށެވެ. އަދި ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސީމެވެ.









