މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ބިލު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގެލެރީގައި ހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.
މީޑިއާތަކުގެ ބާރު ކަނޑުވާލާ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. މިބިލުގައި ބުނެފައިވާ ގޮތުގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލުމަށްފަހު މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. މިކަމާއި ގުޅިގެން ހަންނާން ވިދާޅުވެފައިވަނީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާކަމަށާ، އެކަމަށް ހައްލެއް ހޯދައި ދިނުމަކީ މިބިލުގެ މައިގަނޑު އެއް ބޭނުން ކަމަށެވެ.
އެހެންނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިބިލު ފާސްވެއްޖެނަމަ، ގާނޫނު އަސާސީން ނޫސްވެރިންނާއި މީޑިއާތަކަށް ލިބިދީފައިވާ ހައްގުތައް ހަނިވެގެންދާނެ އެވެ. ސަބަބަކީ މީޑިއާ ކޮމިޝަނުގެ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް ރަޖިސްޓްރީ ބާތިލްކުރެވޭގޮތަށް މިބިލުގައި ހިމަނާފައިވާތީ އެވެ. އަދި ހަމައެހެންމެ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވި މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ވެސް މިބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ގާނޫނު އަސާސީން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގުތައް ހަނިވެގެންދާނެ މިބިލާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމްޖޭއޭއިން ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި، ބުނެފައިވަނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި މީޑިއާތައް ބަންދުކުރުމާއި، ބޮޑެތި ޖޫރިމަނާތައް ކަނޑައެޅުމާއި، އަދި ނޫސްވެރިންނަށް ހަރުކަށި އަދަބުތަކެއް ދިނުމަށް ހިމަނާފައިވުމަކީ އެ ޖަމުއިއްޔާއިން ބަލައިގަންނަ ކަންތައްތަކެއްނޫން ކަމަށެވެ.
މި ބިލުގެ ސަބަބުން މީޑިއާތަކަށް ފުރިހަމަ ބާރާއި ހައްގުތައް ލިބިގެންދާނެކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން ވިދާޅުވަމުން ގެންދެވި ނަމަވެސް، އޭނާގެ މިބިލަށް ގިނަ ބަޔަކު އަދި ހާއްސަކޮށް ނޫސްވެރިން އަންނަނީ ފާޑުކިޔަމުންނެވެ.









