މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ރާއްޖޭގެ މީޑިއާތައް ބާރުވެރި ކުރުމަށް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަންނާން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގައި މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ މެޖޯރިޓީ އޮންނާނީ މީޑިއާތަކުން އިންތިހާބުވާ ނޫސްވެރީންނަށްކަމަށާ، އެކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެމްބަރުންކަމަށެވެ.
އަދި ހަމައެހެންމެ، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަކީ ބޭކާރު ބޮޑެތި ހަރަދުތަކެއް ހިނގާ، ބާރެއް ނެތް ދެ މުއައްސަސާކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާކަމަށާ، އެކަމަށް ހައްލެއް ހޯދައި ދިނުމަކީ މިބިލުގެ މައިގަނޑު އެއް ބޭނުން ކަމަށް ހަންނާން ވިދާޅުވި އެވެ. ހަންނާން މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ގިނަ މީޑިއާތަކާއި ނޫސްވެރިން ދަނީ ހަންނާނުގެ މިބިލަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މިބިލުގެ ސަބަބުން ގާނޫނުން މީޑީއާތަކާއި ނޫސްވެރިންނަށް ލިބިދޭ ހައްގުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލްގައި މީޑިއާތަކާއި ނޫސްވެރިންނަށް ވެސް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހަދާފައިވާއިރު ހަންނާން ވިދާޅުވެފައިވަނީ މި ބިލުގައި މީޑިއާތަކުން ތެދު ހަބަރު ފަތުރަން މަގުފަހިކޮށްދީފައި ވާނެކަމަށާ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާތަކަށް ހަރުދަނާކަމާ އެކު ހަރަކާތްތެރިވުމުގެ ޖާގަ ފަހިކޮށްދީފައިވާނެ ކަމަށެވެ.
"މިބިލުގައި މީޑިއާތަކުން ތެދު ހަބަރު ފަތުރަން މަގުފަހިކޮށްދީފައި ވާނެ. ދައުލަތުގެ ހަތަރު ވަނަ ބާރުގެ ގޮތުގައި މީޑިއާއަށް ހަރުދަނާކަމާ އެކު ހަރަކާތްތެރިވާން ޖާގަ ހޯދައިދީފައިވާނެ،"
ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން ވިދާޅުވި އެވެ.
ހަންނާން މިމޭރުމުން ވިދާޅުވެފައިވީ ނަމަވެސް، މީޑިއާ ކޮމިޝަނުގެ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ބާތިލްކުރެވޭގޮތަށް މިބިލުގައި ވަނީ ހިމަނައިފަ އެވެ.









