މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މީޑިއާތަކާއި ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރެވެ. އެގޮތުން މި ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި މި ބިލުގެ މަގުސަދަކީ ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިން ބާރުވެރިކޮށް ނޫސްވެރިިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކުރުމެވެ. ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނުގެ މިބިލަށް ގިނަ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވަނީ ތާއީދުކުރައްވާ ވާހަކަދައްކަވައިފަ އެވެ.
ހަންނާން މީގެ ކުރިން ވެސް ވަނީ މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ މީޑިއާތަކަކާއި ނޫސްވެރިންގެ ފާޑުކިޔުން އަމާޒުވުމުގެ ސަބަބުން އެފަހަރު އޭނާ ވަނީ އެ ބިލު އަނބުރާ ގެންގޮސްފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ދަށުން، މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަނެއް ވެސް އުފެދިގެންދާނެކަމަށް މިބިލުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިކަމުގެ ސަބަބުން މިޑިއާތަކަށް ގާނޫން މިހާރު ލިބިދީފައިވާ މިނިވަންކަމަށް ގިނަ ހުރަސްތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މިބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި މީޑިއާ ކޮމިޝަނުގެ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް ރަޖިސްޓްރީ ވެސް ބާތިލްކުރެވޭނެ އެވެ. އަދި ހަމައެހެންމެ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާ 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް މިބިލުގައި ވަނީ ހިމަނާފައިވެ އެވެ.
މަޖިލީހަށް ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ހަންނާން މިކަމާއި ގުޅިގެން ވިދާޅުވެފައިވަނީ، މިހާރު ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނުގައި ހިމެނެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވައިގެން ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މެންބަރުންކަމަށެވެ. ނަމަވެސް، މި ބިލު ފާސްވެ ގާނޫނަކަށް ވެއްޖެނަމަ، މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނުގެ އަގުލަބިއްޔަތު އޮންނާނީ މީޑިއާތަކުން އިންތިހާބުވާ ނޫސްވެރިންނަށްކަމަށް އޭނާ ވިދާޅުވި އެވެ.
ހަންނާން އިތުރަށް ވިދާޅުވެފައިވަނީ މި ބިލުގެ ސަބަބުން މީޑިއާތަކަށް ފުރިހަމަ ބާރާއި ހައްގުތައް ލިބިގެންދާނެކަމަށެވެ. އެހެންނަމަވެސް ހަންނާންގެ މިބިލަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.









