އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރާވަޑައިގެންފިއެވެ.
އެހެން އަތޮޅުތަކަށް މީގެ ކުރިން ކުރެއްވި ދަތުރުފުޅުތަކެކޭ އެއްގޮތަށް އއ. އަތޮޅަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ މި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުތުފުޅުގައި، އެއަތޮޅު ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ވެސް ބައްލަވާނެއެވެ.
އއ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ނިމިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކޮށް އެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ ގިނަ މަޝްރޫއުތައް ފައްޓަވައިދެއްވައި ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފަ އެވެ.









