4000 ފްލެޓްގެ އެއްބަސްވުންތަކުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސޮއިކޮށް ނިމޭނެ: އެފްޑީސީ

އައިޝަތު ރުވާ ރިފްޢަތު | 62 ދުވަސް ކުރިން - 18 އޯގަސްޓް 2025 17:03
4000 ފްލެޓް
4000 ފްލެޓް
ޚުލާސާ

މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ޖުމްލަ 1,200 އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް އެފްޑީސީން ހާމަކުރި.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ދުވާލަކު އެވްރެޖްކޮށް 110 އެއްބަސްވުމުގައި ސޮއިކުރެވޭ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފި އެވެ. މި ދުވެލީގައި މަސައްކަތް ކުރިއަށްދާނަމަ، 4،000 ފްލެޓްގެ އެއްބަސްވުންތަކުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސޮއިކޮށް ނިންމާލެވޭނެ ކަމަށް އެފްޑީސީން ލަފާކުރެ އެވެ.

އެފްޑީސީން މައުލޫމާތު ދީން ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދުވާލަކު 116 ފަރާތެއް ޝެޑިއުލް ކުރެވެ އެވެ. ނަމަވެސް، އެވްރެޖްކޮށް ދުވާލަކު 110 އެއްބަސްވުމުގައި ސޮއި ކުރެވޭ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް، ޖުމްލަ 1,200 އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް އެފްޑީސީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާގެންދާ ފުޅާ ދާއިރާގެ މަސައްކަތުގެ އެންމެ މުހިންމު އަދި އަސާސީ ބައެކެވެ. މި ސްކީމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ހިއްސާކުރަމުންދާ މިންވަރަކުން، އެފަރާތްތަކުގެ މައުލޫމާތު އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެގޮތުން، ފްލެޓް ލިބޭ ފަރާތްތަކަށް އެފްޑީސީން އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެމުންދާނެ ކަމަށާއި، އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުފޮނުވާނެ ކަމަށްވެސް އެފްޑީސީން ވަނީ ހާމަކޮށްފަ އެވެ.

އެފްޑީސީން ބުނީ ޕޯޓަލް މެދުވެރިކޮށް ފްލެޓް ލިބޭ ފަރާތުގެ މައުލޫމާތު ބަލާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. މީގެ އިތުރުން އެއްބަސްވުން ބަލާލެވުމާއި، ޔުނިޓްގެ މައުލޫމާތާއި ކުރެހުން ބަލާލެވޭނެ ކަމަށާއި އަދި ޔުނިޓަށް ދައްކަންޖެހޭ ފައިސާވެސް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ ކަމަށް އެފްޑީސީން ފާހަގަކުރި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ދާއިރު، އެޕްލިކޭޝަން ހުށަހެޅި ފަރާތުގެ ނުވަތަ ކޯ-އެޕްލިކެންޓްގެ އައިޑީކާޑުގެ އަސްލު، ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލާއި ދެ ކޮޕީ، ޒިންމާ އަދާކުރާ ފަރާތް ފުރިހަމަކޮށްފައިވާ ފޯމު އަދި އައިޑީކާޑުގެ ދެ ކޮޕީ ހުށަހަޅަން ޖެހޭނެ އެވެ. އެޕްލިކަންޓް ނުވަތަ ކޯ-އެޕްލިކަންޓް ސޮއި ކުރުމަށް ހާޒިރު ނުވެވޭނަމަ، ނޯޓަރައިޒްކޮށްފައިވާ ޕަވާ އޮފް އެޓާނީ އަދި ފޯމް ބޭނުންވާނެ ކަމަށްވެސް އެފްޑީސީން ފާހަގަކުރި އެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%