"އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރަމުން އަންނަކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހާމަކުރައްވައިފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުން ކަމަށެވެ.
މި ހާއްސަ މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއްކަން ހަމްދާން ފާހަގަކުރެއްވިއެވެ. އަދި އުސް އިމާރާތްތަކުގައި ދިމާވެދާނެ އެކި ހާދިސާތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ހަމައެކަނި ވަކި ޔުނިޓުތަކެއް ނޫން ނަމަވެސް، އެފްޑީސީގެ ހުރިހާ ޔުނިޓުތަކެއްގައިވެސް ސަލާމަތީ އިތުރު ފިޔަވަޅުތައް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި، ޓަވަރުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން 24 ގަޑިއިރު މޮނިޓާކުރެވޭ ސީސީޓީވީ ކެމެރާ ސިސްޓަމްތައް ހަރުކޮށް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުން އެއްބަސްވުންތަކުގައި ސޮއިކުރިއިރު އުނިވެފައި ހުރި ބޫމް ގޭޓްސް އާއި ކުނި އުކާލާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.








