ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އައްޔަނުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން މުހައްމަދު ޝަފީގު މަހްމޫދު، އެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްއާރްސީއެމްގެ ދެ މެންބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ ދެ މެމްބަރަކު އައްޔަނުކުރަން ރައީސް ނަން ފޮނުއްވި އެވެ. ރައީސް ދެން ފޮނުއްވީ މުހައްމަދު ފާރިސް ތޯހާގެ ނަމެވެ.
ނަމަވެސް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރި އިންޓަވިއުއަށް ފަހު ފާސްވީ ޝަފީގްގެ ނަން އެކަންޏެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން 75 މާކްސްއަށް ވުރެ ދަށުން ލިބޭ މީހުންގެ ނަމަށް ތަޅުމުގައި ވޯޓަށް ނާހާނެ އެވެ. އިންޓަވިއު އިން ޝަފީގަށް 83 މާކްސް ލިބުނުއިރު ފާރިސް އަށް ލިބުނީ 53 މާކްސް އެވެ.
އެޗްއާރުސީއެމް އަށް ޝަފީގު އައްޔަނުކުރުމާއި ގުޅޭގޮތުން މަޖިލީހުގައި ނެގި ވޯޓުން އޭނާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުންނެވެ.