ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ހިދުމަތަށް ފަސް ލޯންޗު ހަދިޔާކޮށްފި އެވެ.
ދޫނިދޫގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖަޕާން ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވަނީ، ޖަޕާން ސަރުކާރުގެ ފަރާތުން ފުލުހުންގެ ހިދުމަތަށް ވެދެއްވި އެހީތެރިކަމާއި އެކިގޮތްގޮތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފާ އެވެ. އަދި މި އުޅަނދުތަކާއެކު، ކަނޑުމަތީގެ ފުލުހުންގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، ކަނޑުމަތީގައި ގާނޫނު ތަންފީޒުކުރުމުގެ ގާބިލުކަން އިތުރުވެ، ރަށްރަށުގެ މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުއްލި ހާލަތްތަކުގައި ފުލުހުން އެޓެންޑުވުން އިތުރަށް އަވަސްވެ އަދި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އަދި ދިވެހިރާއްޖެއާއި ޖަޕާނަކީ ރަހުމަތްތެރިކަމުގެ ދިގު ތާރީހެއް އޮތް ދެ ގައުމުކަން ފާހަގަކުރައްވައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާން ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި މި އުޅަނދުތައް ހިދުމަތަށް ނެރޭއިރު، ރައްޔިތުންގެ މަސްލަހަތު ހުރިގޮތަށް ޕްރޮފެޝަނަލް ކަމާއެކު ބޭނުންކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ އެކި ވަސީލަތްތައް ފޯރުކޮށްދެއްވުމުގައި ޖަޕާން ސަރުކާރުން ވެއްދެއްވާ އެހީތެރިކަން މި ރަސްމިއްޔާތުގައި ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެ އެވެ. މި ފިލައާ ހަވާލުވެލެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ އެވެ.