ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑުން މާހިލް އިސްތިއުފާ ދީފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 17 އޯގަސްޓް 2025 18:12
މާހިލް ޝަހީމް: ފޮޓޯ/ އިންޓަނެޓް---
މާހިލް ޝަހީމް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މަގާމުން އިސްތިއުފާ ދިން ވަކި ސަބަބެއް އޭނާ ބުނެފަ އެއް ނުވޭ.

ޒުވާނުންގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާ ބޯޑުން އަބްދުﷲ މާހިލް ޝަހީމް އިސްތިއުފާ ދީފި އެވެ.

ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑަށް މާހިލް އައްޔަނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ މިމަގާމުން އިސްތިއުފާ ދިން ވަކި ސަބަބެއް ބުނެފަ އެއް ނުވެ އެވެ.

ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑުން މާހިލް އިސްތިއުފާ ދީފައިވާއިރު، މި ހިނގާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭ، ވޭޕް ކުރަން ބޭނުންކުރާ ސާމާނު ރާއްޖެއަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތު މާހިލްއަށް ބައެއް މީޑިއާތަކުން ވަނީ ކޮށްފަ އެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އޭނާ މެލޭޝިޔާއިން ރާއްޖެއަށް އައިއިރު ވޭޕް ކުރަން ބޭނުންކުރާ ސާމާނު ގައިގަ ބަނދެގެން އެތެރެކުރަން އުޅުނުކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިކަމާއި ގުޅިގެން ދަރިކަލުންގެ ދިފާއުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ގައިގަ ބަނދެގެން ވޭޕް ސާމާނު އެތެރެ ކުރިކަމަށް ބުނެ ހަގީގަތާ ހިލާފަށް ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

މިމައްސަލައާ ގުޅިގެން "ޚުލާސާ" އިން ކަސްޓަމްސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލުން އެދުވަހު ބުނެފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެއާ އޭޝިއާގެ ފްލައިޓެއްގައި އައި ދެ މީހެއްގެ އަތުން ވޭޕް ފެނިފައިވާތީ، ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން އެ ދެ މީހުން ޖޫރިމަނާކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު އަތުން 118 ވޭޕް އަދި އަނެކަކު އަތުން 107 ވޭޕް ފެނިފައިވާކަމަށް ކަސްޓަމްސްގެ މީޑިޔާ އޮފިޝަލުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ކޮން ދެ މީހުންނެއް ކަމެއް ކަސްޓަމްސްއަކުން ބުނެފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%