ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް އެކަކުން ފިޓްސް އެއާއަށް ހިދުމަތް ދޭން ފަށައިފި އެވެ.
މިއީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ހަތަރު ވަނަ އެއާލައިންކަން ފާހަގަކޮށްލަންޖެހެ އެވެ. އަދި މިއީ ޓާމިނަލް އެކަކުން ހިދުމަތް ދޭން ފެށި ޝްރީލަންކާގެ ފުރަތަމަ އެއާލައިނެވެ.
މިކަމާއި ގުޅިގެން ޓާމިނަލް އެކެއްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި ކުންފުނީގެ ބޯޑް މެންބަރުންނާއި އިސްވެރިންގެ އިތުރުން ފިޓްސް ހޮލިޑޭސްގެ ޑިރެކްޓަރު އަނާހް ކާސިމް އަދި ފިޓްސް އެއާގެ އޮޕަރޭޝަންސް އެގްޒެކެޓިވް އިބްރާހިމް އަމީން ހަސަން މަނިކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފިޓްސް އެއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 71 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި ފިޓްސް އެއާގެ ފުރަތަމަ މަތިންދާބޯޓު, 8ޑީ-921 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 154 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.
ފިޓްސް އެއާ އަކީ ޝްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނެވެ. އެ އެއާލައިން އިން ރާއްޖެއާއި ޝްރީލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރުރަށް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ.
ޓާމިނަލް އެކަކުން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން, އެއާ އަރަބިއާގެ އިތުރުން ލަގްޒަރީ އެއާލައިން, ބިއޮންޑްއަށް ހިދުމަތް ދޭން ފަށައިފަ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.