2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ކުރިމަތިވި އެންމެ ފަނާކުރަނިވި އެއް އިންސާނީ މުސީބާތަކަށް ބަދަލުވެފައެވެ. ޙަމާސް އިން ބުނާ ގޮތުގައި ފަލަސްޠީނުގެ ގާތްގަނޑަކަށް 100،000 މީހުން ޝަހީދު ވެފައި ވާއިރު، އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. މި އަހަރުގެ ކުރީކޮޅުއްސުރެ އިސްރާއީލުން ޣައްޒާ އަށް ވަދެވޭނެ ހުރިހާ މަގެއް ބަންދު ކުރުމުގެ ސަބަބުން ކާބޯތަކެއްޗާއި ބޭހާއި ތެލާއި އެހެނިހެން ޒަރޫރީ ތަކެތި ޣައްޒާއަށް ނުވަދެ، ބަނޑުހައިހޫނުކަމުގެ ޙާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އދ. އިން ބުނާ ގޮތުގައި ދުނިޔޭގައި މިވަގުތު ބަނޑަށްޖެހިފައިވާ އެންމެ ބޮޑު މުޞީބަތަކާއި ކުރިމަތިލާފައިވާ ތަނަކީ ޣައްޒާއެވެ.
ބަނޑަށްޖެހިފައިވާ ޣައްޒާގެ ރައްޔިތުން ކާނާ ހޯދުމަށް ޕުލާސްޓިކު ފުޅިއާއި ދަޅާއި ތަށިތައް ހިފައިގެން: ޣައްޒާ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑަށް ބަނޑަށްޖެހިފައިވާ ސިޓީ / ފޮޓޯ: އޭޕީ
ބައިނަލްއަޤްވާމީ އެހީދޭ ޖަމިއްޔާތަކުން ރިޕޯޓްކުރާ ގޮތުގައި ޣައްޒާ އަށް ނުވަދެވި، އެ ސިޓީން ބޭރުގައި ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެހީ ވަނީ ތާށިވެފައެވެ، ހާލުގައި ޖެހިފައިވާ މީހުންނާއި ހަމައަށް އެހީތައް ފޯރުކޮށްދިނުމަށް އިސްރާއީލުގެ ސިފައިން ވަނީ ހުރަސް އަޅާފަ އެވެ.
ފާއިތުވި ހަ ހަފްތާގެ ތެރޭގައި އެކަނިވެސް 103 ކުޑަކުދިން ހިމެނޭ ގޮތަށް 227 މީހުން ވަނީ ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގައި ޝަހީދު ވެފައެވެ. މީގެ އިތުރުން އެމެރިކާ އާއި އިސްރާއީލުގެ ކޮންޓުރޯލުގެ ދަށުން އެހީ ބަހަމުންދާ ހިސާބުތަކުގައި އެތައް ހާސް ބަޔަކު ދަނީ ވޭނާއި އަނިޔާތައް ތަޙައްމަލު ކުރަމުންނެވެ. އެފަދަ އެހީ ދޭ މަރުކަޒުތަކަށް ކާނާ ހޯދަން ގޮސް ތިބޭ މީހުންނަށް ޓާގެޓް ކޮށް ވެސް އިސްރާއީލުން ބޮން އަޅައިގެންނާއި ބަޑި ޖަހައިގެން އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޣައްޒާގެ ރައްޔިތުންތަކެއް / ފޮޓޯ: ރޮއިޓާސް
ޣައްޒާގެ ޤަތުލުޢާންމު ފޮރުވުމަށްޓަކައި އިސްރާއީލުގެ ސީދާ އަމާޒަކަށް ނޫސްވެރިންވެސް ވަނީ ވެފައެވެ. އދ.އިން ރިޕޯޓްކުރާ ގޮތުގައި ފަލަސްޠީނުގައި 242 ނޫސްވެރިން މަރުވެފައި ނުވަތަ ޝަހީދުވެފައިވާއިރު، މިހާތަނަށް މި ހަނގުރާމަ ފެށުނު ފަހުން 274 ނޫސްވެރިން ވަނީ ފުރާނެ ގެއްލިފައެވެ. އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 192 ނޫސްވެރިންގެ ފުރާނަ ގެއްލިފައިވާއިރު އޭގެ ތެރެއިން ގިނައީ ފަލަސްޠީނުގެ މީހުންނެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި މިއީ ޣައްޒާއާ ގުޅޭ ރިޕޯޓްތައް ދުނިޔެއަށް ފެތުރުނަ ނުދިނުމަށް އިސްރާއީލުން ގަސްތުގައި ކުރާ މަސައްކަތުގެ ބައެކެވެ.
ފަލަސްޠީނުގެ ނޫސްވެރިޔާ މުޙައްމަދު އަބޫ ޚައްޠާބްގެ ޖަނާޒާގެތެރެއިން: އިސްރާއީލުން ދަނީ ފަލަސްޠީނުގެ ޤަތުލުޢާންމުގެ ޚަބަރުތައް ގެނެސްދޭތީވެ ނޫސްވެރިންވެސް ޝަހީދުކުރަމުން / ފޮޓޯ: ރޮއިޓާސް
ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެކިއެކި ޤައުމުތަކުން ދަނީ އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.
ޣައްޒާގެ މުސްލިމުން ދިރިތިއްބައި ބޮމުގެ އަލިފާނަށްލައި އަންދައި ގުނަވަންތައް ބުރިކުރަމުންދާ ޤާތިލު ނަތަންޔާހު އާއި އޭނާގެ ސަރުކާރުން އެ ހިންގާ ޖަރީމާތަކުގެ ވާހަކަ ހުއްޓުވަން އިސްރާއީލުގެ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، އެ ވާހަކަތައް އަޅުގަނޑުމެން ހުއްޓުމެއް ނެތި ދައްކަން އެބަ ޖެހެއެވެ. އަދި އިސްރާއީލުގެ ހުރަސްތަކަށް ބެލުމެއް ނެތި ޣައްޒާގެ މުސްލިމުންގެ ޙިމާޔަތުގައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރުމަށް އަތުކުރި އޮޅައިލާން ޖެހެއެވެ.
އދ. އިން ބުނީ ޣައްޒާ އަށް އެހީ ނުވެއްދޭ ނަމަ ކުރިޔަށް އޮތް ހަފްތާތަކެއްގެ ތެރޭގައި އިތުރު އެތައް ހާސް ކުދިންގެ ފުރާނަ ގެއްލިދާނެ ކަމަށާއި ޣައްޒާގެ ދެމިލިއަނަށް ވުރެ ގިނަ މީހުންނަށް އިތުރު މުޞީބާތަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތް ކަމަށެވެ.