ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން ބިއޯންޑްއަށް ހިދުމަތް ދޭން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 16 އޯގަސްޓް 2025 23:16
އާ ޓާމިނަލުން ބިއޯންޑްއަށް ހިދުމަތް ދޭން ފެށުން / ފޮޓޯ: ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓް
އާ ޓާމިނަލުން ބިއޯންޑްއަށް ހިދުމަތް ދޭން ފެށުން / ފޮޓޯ: ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓް
ޚުލާސާ

މިއަދުގެ ރަސްމިއްޔާތުގައި ބިއޯންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލެވުނުއިރު، ބިއޯންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައި.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ)ގެ އާ ޓާމިނަލް، ޓާމިނަލް 1 އިން ލަގްޒަރީ އެއާލައިން "ބިއޯންޑް" އަށް ހިދުމަތް ދޭން މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިއީ މި ޓާމިނަލުން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިންގެ އިތުރުން، ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ތިންވަނަ އެއާލައިނެވެ.

ބިއޯންޑްގެ ހިދުމަތް ފެށުން ފާހަގަކުރުމުގެ ގޮތުން ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް، ޢަލީ ޢާރިފް އެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ބޯޑު މެންބަރުންނާއި، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ބިއޯންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ބިއޯންޑްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބިއޯންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލެވުނުއިރު، ބިއޯންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ބިއޯންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ޚާއްސަ ވޯޓާ ސެލިއުޓެއް އަރުވާފައިވެ އެވެ. އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބިއޯންޑް އަކީ ރާއްޖޭގެ މަޝްހޫރު ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް މާކެޓަށް ޚާއްސަކޮށް، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ.

ޓާމިނަލް 1 އިން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ލޯ-ކޯސްޓް އެއާލައިން، އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށާފަ އެވެ. އެމް.އޭ.ސީ.އެލް އިން މަސައްކަތް ކުރަމުންދަނީ މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް މި ޓާމިނަލަށް ބަދަލުކުރުމަށެވެ. އެމް.އޭ.ސީ.އެލްގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%