ޣައްޒާގައި ކުރަނީ ހަނގުރާމައެއް ނޫން ކަމަށާއި އަދި އެއްވެސް ކުށެއް ނެތް މުސްލިމަކު ޝަހީދުކޮށްފައި ނުވާއިރުވެސް މީޑިއާއިން އިސްރާއީލު ސަރުކާރާއި އިސްރާއީލުގެ ދައުލަތުގެ ވެރިންގެ އިތުރުން ސަލާމަތީ ބާރުތައް (އައިޑީއެފް) ކުށްވެރިކޮށް ވަރަށް ހުތުރުކޮށް (ޚާއްޞަކޮށް މުސްލިމު ޤައުމުތަކުގެ މީޑިއާއިން) އިސްރާއީލާއި ދޭތެރޭގައި ކަންތައްތައް ކޮށްފައިވާ ކަމަށް ބުނެ، މީޑިއާގެ ކުރިމަތީގައި އިސްރާއީލް ބަލިވެއްޖެ ކަމަށް ހައްދުފަހަނަ އެޅި މުޖުރިމު ޓެރަރިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
"ޣައްޒާގައި އަހަރެމެން ބަލިކުރަނީ ހަމާސް އަކުން ނޫން. މީޑިއާއިން” ނަތަންޔާހޫ ބުންޏެވެ.
އިސްރައީލުން ޣައްޒާގެ ޢިމާރާތްތަކެއް ގޮއްވާލާއިރު އެ މަންޒަރު ނޫސްވެރިން ފޮޓޯ ނަގައި ވީޑިއޯ ކުރަނީ - ނަތަންޔާހޫ ބުނީ ތިމަންނާ ބަލިކޮށްލީ މީޑިއާ އިން ކަމަށް / ފޮޓޯ: އަލްޖަޒީރާ
ނަތަންޔާހޫ ބުނީ އޭނާގެ ސަރުކާރުން ޣައްޒާގައި ހިންގަނީ އަސްކަރީ ކެމްޕޭނެކެވެ. ނަމަވެސް އެކަމާއި ގުޅިގެން މީޑިއާއިން ދެއްކި ވާހަކަތަކާއި ގެނެސްދިން މަންޒަރުތަކުން މުޅި ދުނިޔޭގެ ރުޅިވެރިކަން އިސްރާއީލާއި ދެކޮޅަށް އިތުރުވާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.
ޣައްޒާގެ ޤަތުލުޢާންމު ފެށިފަހުން 50 އަށްވުރެ ގިނަ ޤައުމުން ހުއްޓުމެއް ނެތި ނަތަންޔާހޫ އަށް ފާޑުކިޔުންތައް އިތުރުވަމުން ދިޔަ ފަހުން ވާހަކަ ދައްކަވަމުން އޭނާ ބުނީ ތިމަންނާ މިހާރު މަސައްކަތް ކުރަމުން މިދަނީ ޣައްޒާގައި ހަނގުރާމައެއް ނުކުރާ ކަމަށާއި ޤަތުލުޢާންމެއް ވެސް ނުހިންގާ ކަމަށް މުޅި ދުނިޔެއަށް އޮޅުންފިލުވައިދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ. ޣައްޒާގައި އިސްރާއީލުން ހަނގުރާމައެއް ކުރާނަމަ ބަރާބަރު އެއްދުވަސްތެރޭ މުޅި ޣައްޒާ ފޮހެލީސް ކަމަށްވެސް ނަތަންޔާހޫ ބުންޏެވެ.
އޭނާ މިހެން ބުނި ކަމުގައި ވިޔަސް، އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ އޮބްޒާވަރުން ވަނީ ނަތަންޔާހޫ ކުށްވެރިކޮށް، ޣައްޒާގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ހާސް މައުސޫމް މުސްލިމުންނެއް ދިރިތިއްބައި އަންދާލައި އަދި ގުނަވަންތައް ބުރިކޮށް ވަލުޖަނަވާރުންނަށް ވެސް ކާންދީފައިވާތީވެ، އެ އަނިޔާވެރި ޢަމަލުތަކުގެ ފުރިހަމަ ޒިންމާ ނަތަންޔާހޫ އުފުލަން ޖެހޭ ކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.
ވަލުކުއްތާތަކެއް ޣައްޒާގެ ޒަޚަމްވެފައިވާ މީހެއްގެ ހަށިގަނޑުގައި ދަތްއަޅައި ކަނީ: އިސްރާއީލުން ޣައްޒާގެ މުސްލިމުންގެ ގުނަވަންތައް ބުރިބުރިކޮށް ޖަނަވާރުންނަށް ކާންދޭ ކަމަށް ރިޕޯޓްތައް ބުނާއިރު މި ހުރިހާ ކަމަކަށް ނަތަންޔާހޫ އިންކާރުކުރޭ / ފޮޓޯ: ސޯޝަލްމީޑިއާ
ޣައްޒާގައި ނަސްލު ނައްތާލުމަށް މުޖުރިމު ނަތަންޔާހޫ ކުރަމުންދާ މަސައްކަތްތައް މުޅި ދުނިޔެއަށް އެނގޭތީ އައިޑީއެފުން ދަނީ ޙަމަލާގެ މަންޒަރުތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށްވެސް ހަމަލާ ދެމުންނެވެ. އެގޮތުން، ސީދާ ޓާގެޓް ކޮށްގެން މިހާތަނަށް 274 ނޫސްވެރިން އިސްރާއީލުން ވަނީ މަރާލާފައި ނުވަތަ ޝަހީދުކޮށްލާފައެވެ.
އިސްރާއީލުން ނަސްލު ނައްތާލަމުންދާ ކަމަށް އިންކާރު ކުރަމުންދާއިރު، ޣައްޒާގެ ބިންމަތީގައި އޮތް ހަގީގަތުން ނަތަންޔާހޫ ހަދަމުންދާ ދޮގު ހާމަވެއެވެ.