ޓްރަމްޕް އިންޒާރު ދިނުމުން ވެސް ޔުކްރޭން މައްސަލަ ކޮޅެއްގައި ނުޖެހުނު

ހުސައިން އިސްމާއިލް | 4 ދުވަސް ކުރިން - 16 އޯގަސްޓް 2025 12:47
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން އަލަސްކާގެ ސަމިޓްގައި / ފޮޓޯ: ރޮއިޓާސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން އަލަސްކާގެ ސަމިޓްގައި / ފޮޓޯ: ރޮއިޓާސް
ޚުލާސާ

ޓްރަމްޕުގެ ދައުވަތަކަށް ޕޫޓިން އަލަސްކާއަށް ގޮސް މަޝްވަރާކޮށް، ހަނގުރާމަ ހުއްޓާނުލައިފިނަމަ ރަޝިއާއަށް އިތުރު އުނދަގޫތައް ވާނެނެކަމަށް ޓްރަމް އިންޒާރު ދިނުމުން ވެސް މަޝްވަރާ ކޮޅެއްގައި ނުޖެހުނު.

އަލަސްކާގައި ބޭއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ސަމިޓް ދޮޅު ގަޑިއިރުގެ މަޝްވަރާ ތަކަށް ފަހު ވެސް ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ނިންމާލާނެ ގޮތަކާ މެދު އެއްބަސްވުމަކަށް ނާދެވި، ބައްދަލުވުން ނިންމާލައިފި އެވެ.

ހަނގުރާމަ ހުއްޓާނުލައިފިނަމަ ރަޝިއާއަށް އިތުރު އުނދަގޫތައް ވާނެނެކަމަށް ޓްރަމް އިންޒާރު ދިނުމުން ޕޫޓިން ވިދާޅުވީ އެމެރިކާ އާއި ރަޝިއާ އާއި ދެމެދު އަހަރުތަކެއް ވަންދެން ގުޅުން ހީނަރުވެފައި އޮތުމަށް ފަހު އެމެރިކާގެ ބިމުގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަޢުވަތަށް ސަމިޓެއް ބޭއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ސުލްހަވެރިކަމާއެކު ހަނގުރާމަ ހުއްޓައިލާން ބޭނުންވާ ކަމަށެވެ. މީގެ އިތުރުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ވޮޝިންޓަނާއި މޮސްކޯއާ ދެމެދު އޮތް "ތާރީހީ ގުޅުންތަކަށް" ތައުރީފު ކުރައްވައި، 2020 ވަނަ އަހަރުގެ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވިނަމަ ޔޫކްރޭން ހަނގުރާމަ ނުފެށުނީސް ކަމަށް ޓްރަމްޕް އަމިއްލަފުޅަށް ވިދާޅުވާ ވާހަކަ އަށް ވެސް ޕޫޓިން ވަނީ އިއްތިފާގުވެލައްވާފައެވެ.

ޕޫޓިން ވިދާޅުވީ ސުލްހައަކަށް ވާސިލް ވެވޭނީ ފުޅާ ކުރަމުންދާ ނޭޓޯ އާއި ރަޝިޔާގެ ސަލާމަތީ ކަންބޮޑުވުންތައް ހައްލު ކޮށްގެންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވެސް ބައިވެރިވި މި ބައްދަލުވުމަށްފަހު ޓްރަމްޕް ވަނީ އެ މަޝްވަރާތަކަކީ "އިންތިހާއަށް އުފެއްދުންތެރި މަޝްވަރާތަކެއް" ކަމަށް ސިފަކުރައްވައި، "ގިނަ ނުކުތާތަކަށް އެއްބަސްވެވުނު" ކަމަށް ވިދާޅުވެފައެވެ.

ހަބަރުތައް ބުނާ ގޮތުގައި ބައްދަލުވުން ކޮޅެއްގައި ނުޖެހުނު މައިގަނޑު ސަބަބަކީ ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ކަނޑައަޅާފައިވާ ޝަރުތުތައް ޔޫރަޕްގެ ބައެއް ގައުމުތަކުން ދެކޮޅު ހަދާތީއާއި، ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އާއި ނޭޓޯގެ އެކުވެރި ގައުމުތަކާ އެކު ޓްރަމްޕުގެ ސީދާ މަޝްވަރާތައް އޮތުމުންނެވެ. ޓްރަމް މަސައްކަތް ކުރައްވަނީ ހަނގުރާމަ ހުއްޓުވުމަށެވެ.

2022 ވަނަ އަހަރު ޔުކްރޭނަށް ރަޝިއާއިން އަރައިގަތުމުން ބައިނަލްއަގްވާމީ އެކަހެރިކަމާ ކުރިމަތިލާން ޖެހިފައިވާ ޕޫޓިން ވަނީ މި ސަމިޓަކީ އެމެރިކާއާއި ރަޝިޔާގެ ގުޅުމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވަނީ އިތުރު ބައްދަލުވުމެއް މޮސްކޯގައި ބޭއްވިދާނެ ކަމަށް ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%