ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މި މަނަވަރަކީ ރާއްޖޭގެ މިނިވަންކަމުގެ ފުރަމާނަ ދޭހަކޮށްދޭ ވަރުގެ އުޅަނދެއް ކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާކުރި ތާރީޚީ މަނަވަރު "ދަރުމަވަންތަ" އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، "ދަރުމަވަންތަ" މަނަވަރުގެ ސަބަބުން އެމްއެންޑީއެފްގެ ގާބިލިއްޔަތުކަން ބޮޑުތަނުން ކުރިއަރައިގެންދާނެކަމަށެވެ. އަދި އެ މަނަވަރަކީ ދުރު ރާސްތާތަކަށް ހަލުވިކަމާއެކު ވާސިލްވެ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތަކާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުޅަނދެއްކަމަށް ރައީސް ވިދާޅުވި އެވެ.
ވަޒީރު ވަނީ މިފަދަ ބޮޑު ހަދިޔާއެއް ދެއްވުމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި، އަދި ދިފާއީ ވުޒާރާގެ ނަމުގައި ތުރުކީގެ ޑިފެންސް މިނިސްޓްރީއަށާއި ތުރުކީވިލާތުގެ ރައީސަށާއި އެ ގައުމުގެ ދިފާއީ ވަޒީރަށާއި ނޭވީއަށާއި ރައްޔިތުންނަށް ފުން ޝުކުރު އަދާކުރައްވާފަ އެވެ.
ވަޒިރު އިތުރަށް ވިދާޅުވީ، ރައީސްގެ އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ސިޔާސަތުގެ ދަށުން އަވަށްޓެރި އަދި ދުރުގައިވާ ގައުމުތަކުގެ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރައްވާފައިވާ ކަމަށެވެ. ނޮވެމްބަރު 17، 2023 ގައި ރައީސް ދަންމަވާލެއްވި "ފަލަ ރަތް ރޮނގު" "ގައުމުގެ އެންމެ އިސް މަސްލަހަތު ކުރިއަށް ނެރުއްވާ ގައުމަށް ފައިދާވާގޮތަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމުގެ ސިޔާސަތު" މިރޭ މި ވަނީ އިތުރަށް ފަވާލަދެއްވާފައި ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވީ، ދިވެހިން އަބަދުވެސް ހިމާޔަތްކުރި ކަނޑުފަޅާއި ގައުމުގެ މުއްސަނދިކަން ފާހަގަކުރައްވައި، އަސްކަރިއްޔާގެ ކަނޑުގެ ބާރު ވުޖޫދުކުރެވުނުއިރުވެސް މަދު ވަސީލަތްތަކާއެކު ސިފައިން ހިތްވަރާއެކު ގައުމީ މަސައްކަތްތައް ކުރެއްވި ކަމަށެވެ. މިއަދު ފެންނަ މަންޒަރު ތަފާތުކަމަށާއި، އަސްކަރިއްޔާގެ ހިދުމަތް މިހިސާބަށް ގެނެވުނީ ވަރަށް ގިނަ ބަޔެއްގެ ދިގު މަސައްކަތުން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީރު ވަނީ ނަފްސަށްވުރެ އަބަދުވެސް ގައުމު އިސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް އަބަދުވެސް ދިވެހި ސިފައިން ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފަ އެވެ.