މީހެއްގެ ކުށްތައް ވަންހަނާކޮށްދީފި މީހާގެ ކުށްތައް، މާތްﷲ ދުނިޔެއާއި އާހިރަތުގައި ވެސް ވަންހަނާކޮށްދެއްވާނެ: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 2 ގަޑިއިރު ކުރިން - 15 އޯގަސްޓް 2025 13:25
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

މީހެއް އައިބުތައް ވަންހަނާކޮށް، އެމީހެއްގެ އަބުރު ރައްކާތެރިކޮށްދީފި މީހާގެ ކުށްތައް މާތްﷲ ދުނިޔެއާއި އާހިރަތުގައި ވެސް ވަންހަނާ ކޮށްދެއްވާނެކަމަށް ހުތުބާގައި ވަނީ ބުނެފައި.

މީހެއްގެ ކުށްތައް ވަންހަނާކޮށްދީފި މީހާގެ ކުށްތައް، މާތްﷲ ދުނިޔެއާއި އާހިރަތުގައި ވެސް ވަންހަނާކޮށްދެއްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި މާތްﷲ ވަނީ އެކަލާނގެ ހެއްދެވި މަހުލޫގުންގެ މައްޗަށް އިންސާނުން މާތްކުރައްވައި، މަތިވެރިކުރައްވައި، ގަދަރު އުފުއްލަވައި، ހުރުމަތްތެރި ބަޔަކު ކަމުގައި ލައްވައިފަ އެވެ. އެހެން ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު އެންމެ ގިނައިން ފެންނަ އެއް މަންޒަރަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިއަދުގެ މުޖުތަމައުގައި މީހުންގެ އަބުރަށް އަރައިގަތުން އިންތިހާއަށް އިތުރުވެފައިވާކަމަށާއި ތެދެއް އަދި ދޮގެއް ބެލުމެއް ނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް ވިސްނާލުމެއް ނެތިކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

"މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ މާތްﷲ، އެ މީހަކު ނަރަކައިގެ އަހުލުވެރިންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުއްޓެވެ".
ރަސޫލާގެ ހަދީޘް ބަސްފުޅަކަށް އަލިއަޅުވާލަމުން މިއަދުގެ ހުކުރު ހުތުބާގައި ބުންޏެވެ.

ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި އަދި މުޖުތަމައުގެ ބައިބައިވުމުގެ ސަބަބަކަށް އެ ކަންތައް ވެގެންދާ ކަމަށް ހުކުރު ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

މިއަދު އަހަރެމެން ދިރިއުޅޭ މުޖުތަމައަކީ މީސް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖުތަމައެއްކަން ފާހަގަކުރަމުން ހުކުރު ހުތުބާގައި ބުނެފައި ވަނީ މިފަދަ މީސް މީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާވަރަށްވުރެ ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ ވަސީލަތްތަކެއްކަމަށެވެ. އަދި ހަމައެހެންމެ، އެހެންމީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަނދާންނެތޭލެއް އަވަސްވީ ނަމަވެސް މީސް މީޑިއާގައި ހިއްސާކުރާ ވާހަކަތަކަކީ އެތަކެއް ޒަމާނަކަށް ދެމިހުންނަ އެއްޗެއް ކަމަށާއި އެ ވާހަކައަކީ މީހެއްގެ އަބުރު ކަތިލުންކަމަށްވާ ނަމަ، އެ އެއްޗެއް ފެތުރޭ ހިނދަކު އެކަމުގެ ފާފަ އެމީހަކަށް ލިބިލިބި ހުންނާނެކަމަށެވެ. އެފަދަ ކަމެއް ކުރި މީހާގެ ހެޔޮ އަމަލުތައް ހުސްވެ އަނެކާގެ ފާފަތައް ހިފައިގެން ނަރަކައަށް ދާންޖެހުމުގެ ސަބަބުން ގިޔާމަތްދުވަހުން އެމީހަކު ވާނީ ބަގުރޫޓުވެފައިވާ މީހަކު ކަމުގައި ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.

މީހުންގެ އައިބުތައް ހޯދާ އެ މީހުން ފަލީހަތްކުރުން އިސްލާމްދީން ނަހީކުރައްވާފައިވާކަމަށް އަލިއަޅުވާލަމުން މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މީހެއްގެ އައިބުތައް ފާޅުކޮށް، އެމީހަކު ފަލީހަތްކުރާ މީހުންގެ ކަންކަން މާތްﷲ ފަލީހަތްކުރައްވާނެކަމަށެވެ. އެހެން ނަމަވެސް މީހެއް އައިބުތައް ވަންހަނާކޮށް، އެމީހެއްގެ އަބުރު ރައްކާތެރިކޮށްދީފި މީހާގެ ކުށްތައް މާތްﷲ ދުނިޔެއާއި އާހިރަތުގައި ވެސް ވަންހަނާ ކޮށްދެއްވާނެކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މީހެއްގެ އަބުރު ކަތިލެވިފައިވާ ނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތް ހަލާލު ހޯދުމަށް އަވަސްވެގަތުމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި ފާޅުގައި މީހުންނަށް ފެންނަ ގޮތަށް މީހެއްގެ އަބުރަށް އަރައިގަނެވިފައިވާނަމަ، ފާޅުގައި އެކަމަށް މައާފަށް އެދި އެކަން އިސްލާހުކޮށް އަދި ސިއްރިއްޔާތުގައި އެފަދަ ކަމެއް ކުރެވިފައިވާނަމަ އެމީހެއް ކިބައިން އެކަމަށް މައާފަށް އެދި ތައުބާވެ ވަގުތު ފާއިތުވުމުގެ ކުރިން މާތްﷲގެ މަގަށް ރުޖޫއަވުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%