ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދަރަވަންދޫ އެޕޯޓަކީ ސަރަހައްދީ އެއަޕޯޓްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް އެއާޕޯޓް ކަމަށާއި ނަމަވެސް އެއާޕޯޓްގެ ތަރައްގީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތްކަމަށެވެ.
ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަށް އިންވެސްޓުކޮށް އެ އެއާޕޯޓު ތަރައްގީކޮށްފައިވާ ފަރާތާ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސަވިސަސްއާ ހަވާލުކޮށްގެން، އެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގެ އުންމީދު އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދަރަވަންދޫ އެއާޕޯޓަކީ 2012 ވަނަ އަހަރު ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހެދި އެއާޕޯޓެކެވެ. ކޯސްޓްލައިނާއި އެއާޕޯޓު ހަވާލުކުރުމުން އެއާޕޯޓިގެ އޮޕަރޭޝަންތައް ހިންގަން އެކުންފުނިން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނަށެވެ. ނަމަވެސް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމުގެ ބާރެއް އައިލެންޑް އޭވިއޭޝަނަކަށް ނޯވެ އެވެ.