ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުގެ އެއްބާރުލުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިބީދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދަރަވަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އެކަމުގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ހިދުމަތް ދެވޭނެ ގޮތަށް ސަރުކާރުގެ ކަންކަން ބައްޓަންކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށެވެ.
ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު ކައުންސިލްތަކުގެ ސަބަބުން ވައުދުފުޅުތައް ފުއްދެވުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީވެސް އެމަނިކުފާނަށް މުހިންމު ވަގުތުކޮޅެއްކަމަށާ، ހިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުސަތު ނުދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށްފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމް ހަރުދަނާކުރެއްވުމަށް ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އިތުރަށް ފާހަގަކުރައްވައިފަ އެވެ.