ހައްދުފަހަނަ އެޅި ނިރުބަވެރި އިސްރާއީލުގެ ޒައެނިސްޓުން ޣައްޒާ ބަނޑަށް ޖެއްސުމާއި ގުޅިގެން، އެ ސިޓީގެ ހޮސްޕިޓަލް ތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ވެސް ކާނާ ނުލިބި އެތައް ޑޮކްޓަރެއް ހޭނެތިގެން ވެއްޓިފައިވާ ކަމަށާއި، ބަލި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރުގައި ޑޮކްޓަރުން މަސައްކަތް ކުރަނީ އެ މީހުންގެ އަމިއްލަ ގަޔަށް ވެސް އައިވީ ގުޅައިގެން ތިބެގެން ކަމަށް ޣައްޒާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޢަބްދުލް ސަލާމް ސައްބާޙް ވިދާޅުވެއްޖެއެވެ.
ކާނާ ލިބުން ދަތިވުމުގެ ސަބަބުން ގިނަ ޑޮކްޓަރުން އޮޕަރޭޝަން ރޫމްތަކުގައި ވެއްޓި، މުވައްޒަފުންނަށް އައިވީ ދިނުމަށް މަޖުބޫރުވެފައިވާއިރު، ޣައްޒާގެ ބަލި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެންވެސް ޑޮކްޓަރުން ޙަރަކާތްތެރިވާން ޖެހެއެވެ.
އދ.އިން އިންޒާރު ދޭ ގޮތުގައި ޣައްޒާގެ 2.4 މިލިއަން ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް ކާނާ ނުލިބި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން ޞިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ.
22 މަސްދުވަސް ވަމްދެން ޣައްޒާ ޙިޞާރުކޮށްފައި ވާއިރު ބަނޑުހައިހޫނުކަން އިތުރަށް ގޯސްވެ ދުވާލަކު މަދުވެގެން 600 އާއި 800 އާއި ދެމެދުގެ ޢަދަދަކަށް ޓުރަކުގައި މުދާ ވައްދަން ޖެހޭ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެއެވެ. ނަމަވެސް ޒައެނިސްޓުން ވަނީ އެ ޢަދަދަށް އެހީގެ ޓުރަކު ވައްދަން ދެކޮޅު ހަދާފައެވެ. މިހާރު 24 ގަޑިއިރުތެރޭ އެންމެ ގިނައިން ވެސް ވައްދަނީ 70 ޓުރަކެވެ.
ޣައްޒާގައި ޑޮކްޓަރުންނަށް ވެސް ކާނާ ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު ލޮލުގެ ޑޮކްޓަރު ޑރ.މުޙައްމަދު އަލް ޠައްޔިބު ވިދާޅުވީ މާޗް މަހުން ފެށިގެން އޭނާގެ ބަރުދަނުން 10 ކިލޯ ލުއިވެފައިވާ ކަމަށާއި، ކާން ލިބެނީ ދުވާލަކު އެއްއިރުއެވެ.
ހަމައެހެންމެ، ހޭނައްތާ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ.އިޔާދު އަބޫ ކަރްޝް ސިފަކުރެއްވި ގޮތުގައި ވަރަށް ގިނަ ޑޮކްޓަރުންނަށް ވަނީ ޞިއްޙީ މައްސަލަތައް ދިމާވެފައެވެ. ޑޮކްޓަރުންގެ ބަރުދަން ލުއިވެ، ގައިން ވަރުދޫވުމުގެ ސަބަބުން އޮޕަރޭޝަން ތިއޭޓަރުތަކުގައި ވެސް ޑޮކްޓަރުން އަމިއްލަ ގަޔަށް އައިވީ ފުޅި ގުޅައިގެން ތިބެ މަސައްކަތް ކުރާއިރު މިކަމުގެ ސަބަބުން ކްރިޓިކަލް އޮޕަރޭޝަންތައް ކުރުމުގެ ގާބިލްކަން ކުޑަވަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ގާތްގަނޑަކަށް އެއްލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވާ ކަމަށް ޙަމާސް އިން ބުނެއެވެ.
އިސްރާއީލުގެ ވެރިޔާ ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުން ދަނީ ޣައްޒާ އަކީ އިސްރާއީލުގެ ފުރިހަމަ ކޮންޓުރޯލްގެ ދަށުގައި އޮންނަ އިސްރާއީލުގެ އަވަށަކަށް ހެދުމަށެވެ.