މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާނުކޮށް ގިނަދުވަސްވެގެން ނީލަންކީ މުދަލެއް، ނީލަން ނިމެން އެންމެ 20 މިނެޓަށް ވެފައިވަނިކޮށް ވަކިބަޔަކަށް އެ މުދާ ދިނުމަށް ކަމަށް ބުނެ ނީލަމުން މުދާ އުނިކޮށް ނީލަން ބާތިލުކޮށްފި އެވެ.
މި ނީލަމަކީ ނިމިދިޔަ ޖުލައި 30 ވަނަ ދުވަހު އެމްޕީއެލް އިން ގެޒެޓުކުރި ނީލަމެކެވެ. ނީލަމުގައި ވިއްކާ މުދާ އިންސްޕެކްޓުކުރުމުގެ ފުރުސަތު މިދިޔަ ހޯމަދުވަހު ދިން އިރު ނީލަމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ މެންދުރު 2:00 އިންނެވެ. ނީލަމުގެ ސުންގަޑި ހަމަވާން އިނީ މިއަދު މެންދުރު 2:00 އާ ހަމައަށެވެ.
މި ނީލަމުގައި ވިއްކާ މުދަލުގެ ތެރެއިން "ޚުލާސާ" ނޫހަށް ބޭނުންވެގެން ޚުލާސާ މީޑިއާ ޕްރައިވެޓް ލިމިޓެޑް އިން ވަނީ ނީލަމުގައި ވިއްކާލުމަށް ހިމަނާފައިވާ ސްޓީލް ސްޓްރަކްޗާއެއް އިންސްޕެކްޓްވެސް ކޮށްފަ އެވެ. އަދި އެ މުދަލަށް އެންމެ ބޮޑު އަގެއްވެސް ހުށަހެޅީ ޚުލާސާ މީޑިއާ ކުންފުނިންނެވެ.
ނަމަވެސް ނީލަން ނިމެން އެންމެ 20 މިނެޓަށް ވެފައިވަނިކޮށް އެމްޕީއެލް ވަނީ އެ ނީލަން ބާތިލުކޮށްފަ އެވެ. މިކަމާއި ގުޅިގެން އެމްޕީއެލްގެ ކްލިއަރެންސް ޑިޕާޓްމަންޓަށް ގުޅުމުން ފުރަތަމަ ބުނީ ނީލަން ބާތިލުކުރީ ވަކިމީހަކަށް ދިނުމަށް (ކޮންސައިނީއަށް ދިނުމަށް) ކަމަށެވެ.
އުސޫލާއެއްގޮތުން ނީލަމަށް މުދާލުމަށްފަހު އެ މުދާ ބޭނުންނަމަ ކޮންސައިނީވެސް ޖެހޭނީ ނީލަމުން އެ މުދާ ގަންނާށެވެ.
މި ކަމާއިގުޅިގެން އެމްޕީއެލްގެ ރަސްމީ ބަހެއްކަމަށް އެކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ މި ނީލަމުގެ ވަގުތު ހަމަވުމުގެ ކުރިން އެ ކުންފުނިންް ނީލަން ކެންސަލްކުރީ، އެ މުދަލުގެ ވެރި ފަރާތުން އެ މުދަލަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި، އެ މުދާ ކްލިއާކުރުމަށް އެދުމުން ކަމަށެވެ.
އަދި އެމްޕީއެލް އިން އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން، މުދަލުގެ ވެރި ފަރާތުން ފައިސާ ދައްކައިފިނަމަ، އެ ފަރާތަށް މުދާ ހަވާލުކުރުމަށް އަބަދުވެސް އިސްކަން ދޭ ކަމަށާއި މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ނީލަން ނިމުމުގެ ކުރިން މުދަލުގެ ވެރި ފަރާތުން ފައިސާ ދައްކައިފިނަމަ، އެ މުދާ ވެރި ފަރާތަށް ދިނުމަށް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.
މުދަލެއް ނީލަމަށްލައި އެ މުދަލަށް ނީލަންވެސް ހުށަހަޅައިފައި ވަނިކޮށް މިފަދައިން ނީލަމުން މުދާ އުނިކުރެވޭ އެއްވެސް އުސޫލެއް ނޯވެ އެވެ. މިފަދައިން ނީލަމެއް ހުޅަވާލަނީވެސް މުދާ ކްލިއާކުރުމަށް ކޮންސައިނީއަށް އެތަށް ފުރުސަތު ދިނުމަށް ފަހުގައިވެސް މުދާ ކްލިއާ ނުކުރުމުންނެވެ. މުދާ އަންނަތަނުން ނީލަމަކަށް ނުލާނެ އެވެ.
އަދި ނީލަމަށް ލުމަށްފަހު ކޮންސައިނީން މުދާ ބޭނުންނަމަ ޖެހޭނީ ނީލަން ހުށަހަޅައިގެން މުދާ ގަންނާށެވެ. މިއީ ހުރިހާ މުއައްސަސާއަކުންވެސް އަދި މިހާތަނަށް އެމްޕީއެލުންވެސް އަމަލުކުރަމުން އަންނަ އުސޫލެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އުސޫލު ބަދަލުކޮށްގެން އެކުންފުނިން މިކުރީ ބޮޑު ވައްކަމެކެވެ. މިއީ އެކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ ބޮޑު ޖަރީމާ އެކެވެ.