ރާއްޖެއާއި ސައުދީގެ ގުޅުން ވަރަށް ވަރުގަދަ: މިނިސްޓަރު

އައިޝަތު ޝިފްނާ ހުސައިން | 6 ގަޑިއިރު ކުރިން - 13 އޯގަސްޓް 2025 14:04
ފޮރިން މިނިސްޓަރު ޙަލީލް.--ފޮޓޯ: މަޖިލިސް
ފޮރިން މިނިސްޓަރު ޙަލީލް.--ފޮޓޯ: މަޖިލިސް
ޚުލާސާ

މި ސަރުކާރުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ހަތް ބައްދަލުވުމަށް ހަތް ފަހަރު މި ސަރުކާރުން ސައުދީ އަށް ވަޑައިގެން.

ރާއްޖެ އާއި ސައުދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތީ ހަމައެކަނި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ކަހަލަ ގުޅުމެއް ނޫން ކަމަށާއި އެއީ މާ އަހުވަންތަ އަދި އިސްލާމީ އުސޫލުގެ މަތިވެރި ނަމޫނާގެ ތެރޭގައި އޮތް ގުޅުމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ދާދި ފަހުން ރާއްޖޭގައި ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ގައި ސައުދީ ފަންޑު ގެ ވަރަށް ބޮޑު ހިއްސާ އެއް އެކުލެވިގެން ވާކަމާއި، އެކަމުން ވެސް ދައްކުވައިދެނީ ރާއްޖެ އާއި ސައުދީ އާއި ދޭތެރޭ އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށެވެ.

މީގެ އިތުރުން އަނެއް ހެއްކަކީ މިދިޔަ ސަރުކާރުން މުޅި ދައުުރުގައި ވެސް ހަމަ އެކަނި ހަ ފަހަރު ސައުދީ އަށް ޒިޔާރަތްކުރަށްވާފައި ވާއިރު، މި ސަރުކާރުން މިވީ މުއްދަތުތެރޭގައި ހަތް ފަހަރު ސައުދީ އަށް ޒިޔާރަތްކުރުން ކަމަށް މިނިސްޓަރު ވިދާޅުވު އެވެ.

"އެކަމަކު، މި ސަރުކާރުގެ މިވީ ކުރު މުއްދަތުގެ ތެރޭގައި ހަތް ބައްދަލުވުމަށް ހަތް ފަހަރު މި ސަރުކާރުން ސައުދީ އަށް ވަޑައިގެން ބައްދަލުކުރައްވާފައިވޭ. އޭގެ ތެރެއިން ވެސް އަޅުގަނޑު ހާއްސަ ގޮތެއްގައި ފާހަގަކޮށްލަން ރައީސުލްޖުމްހޫރިއްޔާ ނުރަސްމީ ދަތުރުފުޅެއްގައި ހައްޖަށް ވަޑައިގެންނެވިއިރު ސައުދީގެ ވަލީއަހުދާ ވަނީ ބައްދަލު ކުރައްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީ އާއި ރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި ދާނީ އިތުރަށް ބަދަހިވަމުން ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%